ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. 

އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5،482،171.00 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް އެއް ސަތޭކަ ހަތްދިހަ އެއް) ރުފިޔާ ލިބިފައިވާ ކަމަށެވެ. 

މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 (ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާ އެވެ.

މިނިސްޓްރީގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  1. ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ

  2. އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  3. މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  4. ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  5. ފަހިޕޭ މޯބައިލް އެޕް
  6. އަވަސް މޯބައިލް އެޕް
  7. ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ 10 މާރިޗުން 19 މާރިޗަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00ން 14:00 ށެވެ. 

ފިތުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ފިތުރު ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.