އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް
ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ
ކަމެއްކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފު އެހެން ވިދާޅުވީ އާދިއްތަ ދުވަހުގެ
މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ، މި ދަނޑިވަޅަކީ
މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއް ކަމަށާއި، ހަނގުރާމަ
ދިގުލައިގެން ދިއުމަކީ ރާއްޖެއަށްވެސް ފޫނުބެއްދޭނެ ގެއްލުން ވާނެ ކަމެއް
ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ނިރުބަވެރި
ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ނުހަނު
ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިރާނަށް
އެމެރިކާއާއި އިޒްރޭލުން ދިން ޙަމަލާ އެންމެ ކުޑަމިނުން ކުށްވެރިކޮށްލަންވެސް
ރާއްޖެއަށް ނުކެރުނު ކަމަށެވެ.

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ އިއްޒަތްތެރި ރައީސް ދިވެހި ރައްޔިތުން ހަމަ ޔަޤީނުންވެސް ކަންބޮޑުވާ ކަމެއްކަމުގައި އަޅުގަނޑު ފާހަގަ ކުރަން
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް އިތުރަށް ވިދާޅުވީ، ހުރިހާ
ޚިދުމަތެއް ބަރާބަރަށް ލިބޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު
ވިދާޅުވިނަމަވެސް ކަން އޮތީ އެހެނެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދާއި
ފަތުރުވެރިކަމަށް ނުހަނު ބޮޑު އަސަރެއް ކުރަމުންދާކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ އެކި ޤައުމުތަކަށް ގިނަ
އަދަދެއްގެ ސަފީރުން އައްޔަނު ކުރަމުން ދިޔަނަމަވެސް، އެކަމުގެ ފައިދާ
ރައްޔިތުންނަށް ކުރޭތޯވެސް ސުވާލު އުފައްދަވާފައެވެ.