ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުން
ކެންސަލްވެއްޖެއެވެ.
މި މައްސަލައިގެ
ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައިވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން
ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ.
ފިހާރަތެރޭގައި ހުއްޓައި އޭނާ ގެ ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން
ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު
އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.
އެ ދެމީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ
ދުވަހުގެ ހެނދުނު 09:30ށް ތާވަލު ކުރިއެވެ. ނަމަވެސް އަޑުއެހުން ކެންސަލް ކުރުމަށް
ޝަރީއަތުން ނިންމީއެވެ. ސަބަބަކީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ
ވަކީލުންނާއި ދައުލަތުންވެސް މި އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލްކޮށްދޭން
އެދިފައިވާތީއެވެ.
މި މައްސަލަ މިހާރު އޮތީ ހެއްކާ ގުޅޭގޮތުން
ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމުގެ މަރުޙަލާގައެވެ.
މި މައްސަލައގެ ދައުވާ ލިބޭ ދެމީހުންވެސް ތިބީ
ޝަރީއަތް ނިމެންދެން ބަންދުގައެވެ.