އެމްޑީޕީން
ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް ކަމަށާއި، ވާދަވެރި ފަރާތްތަކުން ދައްކަނީ
ކަޅު ދަބަހެއްކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު
ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ހޮނިހި ދުވަހުގެ ރޭ އެމްޑީޕީ އިން ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މެމްބަރު ޒިޔާދު ވިދާޅުވީ، ރަށްރަށަށް
ކުރަމުންދާ ދަތުރުތަކުން ހާމަވެގެން ދަނީ އެމްޑީޕީގައި އަދިވެސް ދިރުން ހުރިކަން
ކަމަށެވެ. އަދި އެމްޑީޕީން ގެނެސްދީފައިވާ ސިޔާސަތުތައް ރާއްޖޭގެ ރަށްރަށުން މިހާރުވެސް
ފެންނަން އެބަހުރިކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ ކުރިން މާފުށި، މީހުން ދަންނަނީ ޖަލު ހުންނަ ރަށުގެ ގޮތުގައި، ނަމަވެސް މިހާރު ދުނިޔޭގެ ޤައުމެއް ނެތް މާފުށި ނުދަންނަ، ހަމަ އެންމެ ސިޔާސަތެއްގެ ސަބަބުން، އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީ އަންނަނީ ސިޔާސަތުތަކެއް ހިފައިގެންނޭ، އަޅުގަނޑުމެން ވިއްކަނީ ސިޔާސަތުވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު
ޒިޔާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހަމައެކަނި
ގެންގުޅެނީ ކަޅު ދަބަހަކާއި ފޮތެއް ކަމަށެވެ. އަދި އެއީ އެ ޕާޓީގެ ސިޔާސަތުކަމެއް
ނުވަތަ ސަޤާފަތްކަމެއް ސާފެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑަކަށް ނޭނގެ ސިޔާސަތެއްކަމެއް ސަޤާފަތެއްކަމެއް، ގެންގުޅުއްވާނެ ކަޅު ދަބަހަކާ ގަނޑު ކަނޑާ ފޮތަކާ، އޭގެން ވަޒީފާ ދޭނީ، އެ ދަބަހުން ދޭ އެއްޗެއް ދީގެން ކުރާ ކަމެއް ކުރާނީވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު
އިދިކޮޅު ޕީއެންސީން "ދޫންޏަށް
ވޯޓުދިނުމަށް" ކެމްޕޭނުގައި ގޮވާލަމުންދާތީ އެކަމަށް ރައްދުދެއްވައި މެމްބަރު
ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީވެސް ކޮއްޓެއްގައި ތާށިވެފައި ތިބި ދޫނިތަކެއްގެ
ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ޒިޔާދު ވިދާޅުވީ، މިއަދު މަޖިލިސް
މެމްބަރުންގެ އެއްވެސް ބާރެއް ނެތް ކަމަށެވެ.
އެހެންކަމުން ރައްޔިތުން ވޯޓުދޭއިރު
އެކަންކަމަށް ވިސްނައި ސަމާލުވުމަށް ޒިޔާދު ވަނީ އެދިލައްވާފައެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް
ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި، މުޅިންވެސް ނިންމަމުންދަނީ މިދިޔަ ސަރުކާރުގައި
ފަށާފައި ހުރި މަޝްރޫއުތައް އެކަނި ކަމަށެވެ. ނަމަވެސް މަޖިލީހާއި ހުރިހާ
ތަނެއްގައިވެސް "ކުރީ ސަރުކާރު" ކިއުން ނޫންކަމެއް އެބޭފުޅުން ނުކުރައްވާކަމަށް ވެސް
ޒިޔާދު ވިދާޅުވިއެވެ.