އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހި ދުވަހުގެ ރޭ އެމްޑީޕީ އިން ކ. މާފުށީގައި ބޭއްވި ޖަަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިއަދު ފެންނަނީ ރައްޔިތުން އަޅުވެތިކުރުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާތަން ކަމަށް މާރިޔާ ވިދާޅުވި އެވެ. އެއާއި ޚިލާފަަށް އެމްޑީޕީ އިން މަސައްކަތް ކުރީ ރައްޔިތުން ބާރުވެރިކޮށް ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުކުރުމަށް ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ މަޤާމުތަކުގައި ތިބި އެތައް ބަޔަކު މަސައްކަތެއް ނުކޮށް ހަމައެކަނި އޮފީހަށް ނުކުމެ ފިންޖަރ ޖަހާލުމަށް ފަހު ގެއަށް ދާ އުސޫލު މިހާރު މި ސަރުކާރުން ގެންގުޅެމުންދާ ކަމަށާއި އެއީ ގައުމުގެ މަސައްކަތްތެރިކަން ދަށްވާ ކަމެއް ކަމަށް މާރިޔާ ސިފަކުރެއްވި އެވެ. މިކަމުގެ ސަބަބުން ގައުމު ގެންދެވެނީ ނުރަނގަޅު މިސްރާބަކަށް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެދު ހިތްހަމަ ނުޖެހުމުން ދެން ދާނެ ސިނާއަތެއް ނުއޮންނަ ހިސާބަށް ކަންކަން ދާނެ ކަަމަށް މާރިޔާ ވިދާޅުވި އެވެ.

" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނީ ސިޔާސީ ވާދަވެރީންނަށް. މުއިއްޒުގެ ސަރުކާރު އައި ފަހުން ވަރަށް ގިނަ ރަށްރަށަށް ދެވިއްޖެ. މަސްވެރިކަން ފުނޑިއްޖެ. މުޅި ސިނާއަތް ގެއްލުވާލައިފި. ބޭނުމަކީ އިނގިލި ޖަހާލާފަ ގެއަށް ދާން ޒުވާން ޖީލަށް ވެސް ދަސްކޮށްދިނުން." މާރިޔާ ވިދާޅުވި އެވެ.

މާފުށީގެ ވިސްނުން އަބަދުވެސް ހުރީ އަމއިްލަ ފައިމައްޗަށް ތެދުވަން ކަަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. މާފުށްޓަކީ ސަރުކާރަކަށް އަޅުވެތިވާނެ ބައެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. ރާއްޖެ ހަލާކުގެ މަގުން ދާން ބޭނުން ނުވާ ނަމަ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދޭން ޖެހޭ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.