މާލެ ސިޓީ ގެ ރައްޔިތުންނަށް މިހާރު ކަންތައްތައް ކޮށްދެނީ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނެތުމާއެކު ވަރަށް ދަތި އުނދަގުލުގައި ކަމަށާއި އުއްމީދަކީ އަންނަ ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ލިބި، ފަސޭހަކަމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދިނުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ ދޮރުން ދޮރަށް ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އެމްޑީޕީ އިން ވާދަކުރަނީ މި ސިޓީގައި ހުރި ގޮންޖެހުންތަކާ ކަންބޮޑުވުންތައް އެނގިތިބެގެން ކަމަށެވެ. އަދި އެކަންތައް ތަކަށް ހައްލު ހޯދައިދެވޭނެ ގޮތްތަކެއް އިންތިޒާމް ކޮށް ރާވައިގެން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ވޭތުވެ ދިއަ ދެ ވަރަކަށް އަހަރުގެ ތެރޭގައި، ލިބުނު ވަގުތުކޮޅުގައި މެޖޯރިޓީ ނެތި ވަރަށް ދަތި އުނދަގުލުގައި މާލޭގެ ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.

މިހާރު މި ބޭނުންވަނީ އާދަމް އާ އެކީގަ މަސައްކަތް ކުރާނެ ރަނގަޅު ޓީމެއް. މިކަމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މި ބޭފުޅުން ހޮވާ ދެއްވައިފިއްޔާ އަޅުގަނޑަށް ޔަގީން މާލޭގަ މިހުރި މައްސަލަތައް، ޕާކިން މައްސަލަ އާ އެއް ގެއިން އަނެއް ގެޔަށް ފެން ފޭބުމުގެ މައްސަލައާ ދެން މިހެން ގޮސް ވަރަށް އެހެން ކަހަލަ ދަތި އުނދަގޫ މައްސަލަތައް މާލޭގައި އެބަހުރި. އެކަންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ވަރަށް ބުރަ ކޮށް މަސައްކަތް ކުރާނެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ ޕްލޭނެއް ކޮށްގެން، ރާވައިގެން ކަންކަމަށް ހައްލު ހޯދުމަށް  އަބަދުވެސް މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީ އަށް ރައްޔިތުންގެ ފަރާތުން ކާމިޔާބު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.