ކުރީގެ ބިނާތައް ނައްތާލަމުންގެންދިއުމަކީ ތާރީހަށް ފަސްއެޅުން ކަމަށާއި ކޮންމެ ކަމެއް ސިޔާސީ ނުކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުންނަ ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ބަހުސްކުރަމުންދާ ދަނޑިވަޅެއްގައި ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ގަދީމީ ބިނާތައް މިގޮތަށް ނައްތާލަމުންދާނަމަ މުސްތަގްބަލުގައި ފަހަތަށް ބަލައިލާނެ އެއްވެސް ތާރީހެއް ނޯންނާނެ ކަމަށާއި އަބަދުވެސް ހުންނާނީ އެއިރެއްގައި ހުންނެވި ރައީސް އަކު ބިނާ ކުރާ ތަންތަން ކަމަށެވެ. 

ޝާހިދު ވިދާޅުވީ މިސަރުކާރުން މީގެ ކުރިން އެއްވެސް ބަޔަކު އެއްވެސް ކަމެއް ކޮށްފައިވާކަން ދައްކަން ބޭނުން ނުވާނަމަ އާސާރީ ބިނާތައް ނައްތާލަންވީ ކަމަށާއި އެހެން ނަމަވެސް އެ ސަގާފަތް ރާއްޖޭގައި ހިނގަންފަށައިފި ނަމަ ކާބަފައިންގެ ހަނދާންތައް މުޅިން ފުހެވިގެންދާނެ ކަމަށެވެ. އަދި އެއީ ނުރައްކާ ކަމެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

މިއިން ކޮންމެކަމެއް ސިޔާސީ ކުރާކަށް ނުވާނެ. އަޅުގަނޑުމެންގެ ތާރީހާ ސަގާފަތަކީ ސިޔާސީ ކުރަންޖެހޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ އުޅުން، އެޅުއްވި ބިނާތައް. އެމީހުން ދިރިއުޅުމުގެ ކަންތައްތައް. ވަކި ބަންޑާރަ މިސަކިތް އެކަންޏެއް ނޫން އަޅުގަނޑު ށ. އަތޮޅަށް މިކުރި ދަތުރުތަކުގައި އެބަފެނޭ މި އަތޮޅުގައިވެސް އަދި ރާއްޖޭގެ އެހެން ދިމާތަކުގައިވެސް ހުރި ސަގާފީ ތާރީހީ އެކި އެކި މިސްކިތްތައް ވީރާނާ އެބަކޮށްލާ.
އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، ބަންޑަރަ މިސްކިތް ތާޅަލާ އެތަނުގައި މުޅިން އައު ތަނެއް އެޅުމުގެ ވިސްނުން މިސަރުކާރުން ދޫކޮށްލަންޖެހޭ ކަމަށެވެ. ޝާހިދު ވިދާޅުވީ މިސްކިތް ބިނާކުރުމަކީ ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމުގެ ފުރިހަމަ ސަވާބު ލިބޭނީ ރައްޔިތުންގެ ވެސް ރުހުން ލިބިގެން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބަންޑާރަ މިސްކިތް ތަޅާލަން ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑީއާގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން "ސޭވް ބަންޑާރަމިސްކިތް" ނަމުގައި މީސްމީޑީއާ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.