އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނަޔަތް ހުއްޓާލުމަށް ހީލަތްތެރި ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ ކަމަށާއި އެކަން ހުއްޓާލުމަށްއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޝާހިދު އެފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ޅައިމަގަށް ވަޑައިގެން އެމްޑީޕީގެ ކެނޑިޑޭޓުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޝާހިދު ވިދާޅުވީ 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް އެ އިނާޔަތް ހައްގުވާނެ ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެކަން ތައާރަފް ކުރީވެސް އެގޮތަށްކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން އެކަންވެސް ބަދަލުކޮށް 65 އަހަރުން މަތީގެ މީހާއަށް އެ އިނާޔަތް ލިބެންޖެހޭކަން ސަރުކާރަށް ސާބިތު ކޮށްދޭން ޖެހޭގޮތަށް ބަދަލުކުރަން އުޅޭކަމަށް ޝާހިދު ވިދާޅުވި އެވެ.
ދެންވާނެ ގޮތަކީ ދޮށީ އުމުރުގެ ބޭފުޅުން އެކަން ކުރުމަށް ދޮށީ އުމުރުގެ ބޭފުޅުން އެތައް ހަރަދެއް ކުރައްވަންޖެހޭނެ. އެތައްގޮތަކުން އެކަން ސާބިތުކުރުމަށް މަސައްކަތް ކުރަން ޖެހެނޭނެ. މުޅި ބޭނުމަކީ އަނެއްކާވެސް ސަރުކާރުގެ ވަކިތަކުގެ ދަށުގައި ދޮށީ އުމުރުގެ ބޭފުޅުން ވެސް އިތުރު ހައްޔަރެއް ކުރެވިފައި ބޭތިއްބުން.އަބްދުﷲ ޝާހިދު
މީގެއިތުރުން ޝާހިދު ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް ކަނޑާލަން ސަރުުކާރުން މިކުރާ މަސައްކަތާ ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް އަޑުއުފުލަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ ވެސް ސަރުކާރުން ނިންމާ މިފަދަ ދޯހަޅި ނިންމުންތަކަށް ދެކޮޅުހަދަން ލިބޭ ފުރުސަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީން އެކަން ކުރި ގޮތަކީ 65 އަހަރު ވީމަ ވަކި ރައްޔިތެއް ބެލުމެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ދޮށީ އުމުރުގެ އިނާޔަތް ދިނުން ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ދޮށީ އުމުރުގެ މީހުންނަށް ލިބޭ އިނާޔަތް ހޯދަން އެމީހުން ސަރުކާރަށް ދަންނަވާ އެކަމަށް އެދި އާދޭސް ދަންނަވަން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން އެމީހުންނަށް އެ އުނދަގޫވެސް ޖައްސާ އެއިނާޔަތުން އެމީހުން މަހުރޫމްކޮށްލަން އުޅޭ ކަމަށެވެ.