މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ފަތުރުވެރިކަމަށް ކަމަށާއި ވީހާވެސް އަވަހަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ބައްދަލުކުރައްވައި މަޝްވަރާކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ. 

ޝާހިދު އެފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފޯކައިދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ، ރައީސް މުޢިއްޒުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ކަންކަން ކުރަންވާގޮތެއް ނޭންގޭ ކަމަށާއި އޭގެ ބަދަލުގައި ތަޖުރިބާކާރުންނާއި ބައްދަލުކުރައްވައި މިދަނޑިވަޅުގައި ކުރިއަށްދެވޭނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

އަދި ސަރުކާރުން އެބޭފުޅުންނާއެކު މި އިންޑަސްޓްރީ ސަލާމަތް ކުރެވޭނެ ގޮތަކާމެދު މަޝްވަރާކުރުން އެއީ މިވަގުތު އެންމެ މުހިންމު ކަންތައްކަމަށް ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. 

ސަރުކާރުގައި ނެތް ގާބިލު ކަމެއް. އެހެންވެ މަޓީ އާއި އެކަމުގެ ތަޖުރިބާކާރުންނާއެކު މަސައްކަތްކުރައްވަން ޖެހެނީ. ސަރުކާރުން އަޅުގަނޑު މިދެންނެވި ދެންނެވުމާ އެއްގޮތަށް ކަންކުރެއްވުން އަޅުގަނޑު އެދެން. 
އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް ސިޔާސީގޮތުން ދެންނެވި ވާހަކައެއް ނޫންކަމަށާއި އެގޮތަށް ދަންނަވަން ޖެހުނީ ސަރުކާރަށް ކަންކުރަންވާ ގޮތް ނޭންގޭތީ، އަރުވާ ލަފައެއްގެ ގޮތުގައި ކަމަށެވެ. އަދި މި އިންޑަސްޓްރީގެ ބޭފުޅުންނާއެކު ސަރުކާރު އިށީންނަން ޖެހެނީ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ގާބިލުކަން ނެތުމުންކަމަށް ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. 

ޝާހިދު ވިދާޅުވީ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ އެއްވެސް އިހްލާސްތެރިކަމެއް ވެސް ނެތް ކަމަށާއި ރާއްޖޭގައި އޮތް ފަތުރުވެރިކަން ދަށަށް ދިއުމުގެ ކުރިން އެކަމުގެ މާހިރުންނާއެކު މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި އެބޭފުޅުންގެ ލަފަޔާ އިރުޝާދުގެ ދަށުން ކަންކަން ކުރެއްވުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.