ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން މަޝްވަރާ ކުރަމުން އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓްރީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ޕެސްޓިސައިޑާ ގުޅުން ހުރި ގާނޫނެއް އޮތް ނަމަވެސް މިހާތަނަށް ވެސް ސިޔާސަތެއް ހަދައިފައިނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ސިޔާސަތެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާގުޅޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވައި، ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ބައެއް މީޑިއާތަކަށް މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖޭގައި ކެންސަރު އިތުރުވާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އާބާދީ ކުދި ރަށްތައް ކަމަށްވާ ގޮއިދޫގައި ވެސް ކެންސަރު ވަރަށް އާއްމުވެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެގޮތުން ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށްޓަކައި ހެލްތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ދިރާސާތައް ހަދަމުންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫގައި ކެންސަރު ބަލި އާއްމުވާ ސަބަބު ދިރާސާކޮށް ދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް އެރަށަށް ނިސްބަތްވާ މީހަކު އެދިފައިވަނީ 7 ޑިސެންބަރު 2025 ގަ އެވެ. ގިނަ ކަންބޮޑުވުންތަކާއެކު، ހެލްތް މިނިސްޓްރީގެ އިތުރުން އެގްރިކަލްޗަރ މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާއިރު، އެރަށުގައި މިދިޔަ ފަސް އަހަރު ތެރޭގައި ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވެ އެވެ.