މާލެސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދުވަސްވީ މީހަކު ހައްޔަރު ކޮށްފި އެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން އެއްގަމު އުޅަނދު އެކްސިޑެންޓްވުމުގެ ތުހުމަތު  މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ޒަރީރު ހަސަން އެވެ. 5 މާރޗް 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފަ އެވެ. 

ކޯޓު އަމުރުން އެނގޭ ގޮތުގައި، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ހުށަހަޅާފައިވެ އެވެ. އަދި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ސީން ހިނގި ސަރަޙައްދުގައި ސީސީޓީވް ފުޓޭޖްގެ ސްނެޕް ޝޓްތައް (ފޮޓޯ ރިޕޯޓު) ހުށަހެޅިފައިވެ އެވެ. 

 މީގެ އިތުރުން މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައިވަނީ ޒަރީރު ހަސަން ދުއްވަމުން ދިޔަ ޕިކަޕް ކުއްލިއަކަށް ސައިކަލް ލޭންއާ ދިމާލަށް ދުއްވާފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތް ދުއްވަމުން ދިޔަ ސައިކަލްގައި ގަސްދުގައި  ޖެއްސުމުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 

މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް އުޅަނދު ދުއްވުމަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރަނީ އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވަން ވާނީ މަގުމަތީގެ ސަލާމަތަށް ބަލައިގެން އެހެން މީހުންނަށް ނުރައްކާ ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.