ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ނ.ކުޑަފަރި އަށް ނިސްބަތްވާ، އެރަށުގެ ހިޔަލީގެ، 44 އަހަރުގެ ޙުސައިން ޔޫސުފް އެވެ.
ފުލުހުން ބުނީ، އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކަ އާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު، ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ޙުސައިން ޔޫސުފް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ. އެއީ މިމައްސަލައާ ގުޅިގެން އޭނާ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާއާ ސުވާލު ކުރަން ބޭނުންވާ ކަމަށާއި، ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް 18 މާރިޗު 18 2026 ވަނަ ދުވަހުގެ 12:00 އަށް ހާޒިރުވާން ޖެހޭ ކަަމަށެވެ.
ދޭތެރެދޭތެރެއިން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ފެންމަތިވެގެންދެ އެވެ. އަދި މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.