ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޔޫރަޕާއި އެމެރިކާގައި އުފައްދާ ބޭހަށް ނުބަލާ ކަމަށާއި، ބަލަނީ ކޮލިޓީ ކަށަވަރުކުރެވޭ، ރަނގަޅު ބޭހަށް ކަމަށް ރައީސް މުއިއްޒުގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރަން އެގައުމުތަކުން ހުއްދަ ދީފައިވާ ފެންވަރު ރަނގަޅު ޑޮކްޓަރީ ބޭސް ހެޔޮއަގުގައި ރާއްޖެއިން ލިބޭނޭގޮތް ސަރުކާރުން ހަމަޖެއްސީ 22 ޖުލައި 2024 ގަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތަށް އެކަން ކުރެވިފައި ނުވެ އެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫރަޕްގެ ކޮލިޓީގެ ބޭހާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ބޭހުގެ ކޮލެޓީއޭ ބުނުމުގެ މާނައަކީ "ކޮންމެހެން ޔޫރަޕްގެ ކޮލެޓީ އެއްނޫން ކަންނޭނގެ" ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮލެޓީ ރަނގަޅު ބޭސް ގެނައުން އެއީ އަބަދުވެސް ސިޔާސަތު ކަމަށާއި، ކޮލެޓީ ރަނގަޅު ބޭސް އިންޑިއާ އަދި ބަންގުލަދޭޝްގައި ވެސް އުފައްދާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ކޮލިޓީ ބަލާ މިންގަނޑުތަކެއް، އުސޫލުތަކެއް ހުންނަ ކަމަށާއި، ބޭހުގެ ކޮލިޓީ މެޝަރކުރުމަށްޓަކައި، އެކަން ސްޓްރެންތަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

ޔޫރަޕަށް ގެންދަވާ ވަރަށް ގިނަ ބޭހަކީ ވެސް ހަމަ އިންޑިއާގައި އުފައްދާ ބޭސް، ނޫނީ ޕާކިސްތާން ނޫނީ އެހެން ތަންތަނުގައި ވެސް އުފައްދާ ބޭސް. މީގައި މުހިންމީ އުފައްދާ ތަނެއް، އުފައްދާ ޤައުމެއް ނޫން ކަންނޭނގެ މުހިންމީ އޭގެ ކޮލިޓީ ކަށަވަރުކުރެވޭ، ރަނގަޅު ބޭސް އަޅުގަނޑުމެންނަށް ލިބޭނެކަން ކަށަވަރުކުރުން. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެކަން ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ތަރުތީބު ކުރަމުންދިޔައީ އަދި އެއީ ފޯކަސް އަކީ. ކޮންމެހެން ޔޫރަޕް، އޭޝިއާ، މިއެއް ނޫން އަޅުގަނޑުމެންގެ ފޯކަސްއަކީ. އަޅުގަނޑުމެންގެ ފޯކަސްއަކީ ރައްޔިތުންނަށް ކޮލެޖީ ކަށަވަރުކުރެވޭ، ކޮލެޓީ ކޮމްޕްރޮވައިޒްނުކުރެވޭ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު. އެ ނިޒާމު އަޅުގަނޑުމެން ވަރުގަދަ މިކުރީ. 
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް

ޔޫރަޕުން ބޭސް އެތެރެ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު އެނބުރި ރާއްޖެ ވަޑައިގެން 13 ޖެނުއަރީ 2024 ގަ އެވެ. 

އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަޞްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން. އެހެންވީމާ، ވަކި ޤައުމަކުން ގެންނަ، ބޭސް ގެނައުންވެސް އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު - 13 ޖެނުއަރީ 2024

ސަރުކާރުން ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ކޮލިޓީ ބޭސްތައް ގަނޑުކޮށް ރާއްޖެ ގެނެސް ވިއްކަން ފެށިކަން 2024 ވަނަ އަހަރު ހާމަކުރި އެވެ. އޭގެ ދަށުން ފުރަތަމަ ގެނައީ 7 ބޭހެކެވެ. 

ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ނަމަވެސް  ޔޫރަޕުން ބޭސް ގެނައުމަށް އިއުލާންކުރުމަށްފަހު، ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާއި 9 މެއި 2025 ގައި ހަވާލު ކުރި އެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން ވަނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.