ދިވެހިރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ ޒުވާނުން ހައްޔަރުކޮށްފި އެވެ. 

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، ޓްރެފިކްކުރުމުގެ ތުހުމަތުގައި މިމަހުގެ 5 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ސ. މަރަދޫ އަށް ނިސްބަތްވާ ރަތްމާގެ، 19 އަހަރުގެ، އަހުމަދު ދާން ފަރްހޫދު އާއި، ކ. މާލެއަށް ނިސްބަތްވާ މއ. ތަރިޖެހިއާގެ، 25 އަހަރުގެ އިސްމާޢީލް އަބާން ޢަބްދުﷲ އެވެ. 

މި ދެ ޒުވާނުންގެ ކޯޓު އަމުރުން އެނގޭގޮތުގައި، އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ހެއްކާއި، ގަރީނާ ހުށަހަޅާފައިވެ އެވެ.

އެގޮތުން މޯލްޑިވްސް ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއި، މުދާ ކްލިއަރ ކުރުމަށް ހަވާލުވެހުރި ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާނާއި، ފުލުހުންގެ އިންސިޑެންޓް ރިޕޯޓާއި ލިޔެކިޔުންތައް ހުށައަޅާފައިވާ ކަމުގަ އެވެ. 

މީގެ އިތުރުން ކޯޓުގައި ފުލުހުން ބުނީ، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން މި މުދާ އެންމެ ފުރަތަމަ ހަވާލުވެފައި ވަނީ އަޙްމަދު ދާން ކަން އެނގޭ ކަމަށާއި، އަބާން ވެސް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން މި މުދަލާ ހަވާލުވި ނަމަވެސް މިއީ އޭނާ ގެ ތަކެތި ނޫންކަމަށް ބުނެ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އަބާން ގެ ހަށިގަނޑު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، އެތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތިކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އޮފިސަރު ވިދާޅުވީ، ފެނިފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހީގެ ވަގުތީ ބަރުދަނުގައި 6.280 ކިލޯ ގްރާމް ހުރިކަމަށެވެ. 

މި މައްސަލައާ ގުޅިގެން ވަކީލެއްގެ ފުރުސަތަކަށް ދެމީހުން ވެސް އެދިފައިވާތީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 14 ވަނަ މާއްދާއަށް ރިއާޔަތްކޮށް 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.