އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި
ވިޔަފާރިކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި
ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް
އޮފީހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ހިއްސާކުރި
މައުލޫމާތުގައި ބުނީ، މި މައްސަލައިގެ ތަޙުޤީޤުގެ މުއްދަތު 2 މާރިޗު
2026 ގެ ނިޔަލަށް  ހަމަވެފައިވާ
ކަމަށާއި، މި މައްސަލާގައި ކުރެވެނީ މައިގަނޑު 2 ތުހުމަތެއް ކަމަށެވެ. އެއީ
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 720 ވަނަ މާއްދާގެ
ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި، ޤާނޫނު ނަންބަރު:
10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ
ޤާނޫނު) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ  ކުށެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލަ ތަޙުޤީޤު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ
މުއްދަތު ހަމަވުމާހަމައަށް ލިބިފައިވާ ހެއްކާއި، ޤަރީނާ ވަޒަންކޮށް ބެލިއިރު، މި މައްސަލާގައި
ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރކުރިކަން
ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ޤަރީނާއި، ހެކި ލިބިފައި
ނުވާ ކަމަށެވެ.  

ހަމައެއާއެކު، މި މައްސަލައިގެ ތަޙުޤީޤުގެ މުއްދަތު، ޤާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ
ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފައި ކަން ވެސް ޕީޖީ އޮފީހުން
ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަޙުޤީޤު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި،
ދަޢުވާކުރެވޭ މިންވަރަށް ޤަރީނާ އާއި، ހެކި ހޯދިފައި ނުވާކަން ފާހަގަކޮށް ޕީޖީ އޮފީހުން
ބުނީ،  ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ
މާއްދާގެ (ކ) ގައި، ތަޙުޤީޤުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭ
މިންވަރަށް ހެކި ލިބިފައިނުވާނަމަ، ތަޙުޤީޤީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަން ވާނެކަމަށް
ބަޔާންކޮށްފައިވާ ކަމަށެވެ.

 އެހެންކަމުން، މި ނިންމުމާއެކު މައްސަލައިގައި
ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި
ފުލުހުންގެ ޚިދުމަތަށް ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ.

މި މައްސަލައިގައި ދަޢުވާކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި، ޤަރީނާ ލިބިފައި ނުވާތީ
މައްސަލަ ޑިކްލައިންކުރި ނަމަވެސް، އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ
ޤާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް
ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތު
ދެ އެވެ.