ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ސިއްރިއްޔާތުގައި ޤާނޫނުއަސާސީއަށް ބޮޑު ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ، މި އިންތިޚާބުގެ ފަހަތުގައި ސިއްރުން ކަންތައްތަކެއް ކުރަން ނުޖެހޭނެ ކަމަށާއި، މިއަދު ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށެވެ. އަދި ބާރުތައް އެއްކޮށް، ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް މި ޤައުމު ގެންދަން ކުރާ މަސައްކަތަށް އެމްޑީޕީން "ނޫނެކޭ" ބުނަން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގައި މިހާރު އަމަލުކުރަމުންދާ ޕްރޮސެސްއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ 18 އަހަރު ކުރިން މިހާރު މިއޮތް ޤާނޫނުއަސާސީ ޑްރާފްޓުކޮށް ބަހުސްކުރިއިރު އަމަލުކުރީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުން މަޖިލިސް ގެ މެމްބަރެއްގެ ހައިސިޔަތުން އޭރުގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ އިތުރުން ޑްރާފްޓް ކޮމިޓީގައިވެސް އިންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި، އޭރު އެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ ތަފްސީލުތައް ހިއްސާކުރެއްވި އެވެ.

މީގެ 25 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އިޞްލާޙީ ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އެމަނިކުފާނުގެ ފަހު ދައުރުގައި ޤާނޫނުއަސާސީ އިޞްލާޙުކޮށް، ޒަމާނީ ޑިމޮކްރަސީއަކަށް ޤައުމު ގެންދަން މަޖުބޫރުވެވަޑައިގަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އިޞްލާޙީ އެޖެންޑާއެއް އެކުލަވައިލައި، ޚާއްޞަ މަޖިލީހަށް ޑްރާފްޓްތައް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ދެފުށް ފެންނަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭރުގެ ޚާއްޞަ މަޖިލީހުގައި ރާއްޖޭގެ ސަރަހައްދާއި، އަސާސީ ޙައްޤުތަކާއި، ވެރިކަން ކުރާނެ ގޮތާއި، ޝަރުޢީ ދާއިރާ އަދި މިނިވަން މުއައްސަސާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ބަހުސްކުރެވުނު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި 22 ނުވަތަ 24 މެންބަރުންގެ މައްޗަށް އެކުލެވޭ ޑްރާފްޓް ކޮމިޓީން މަސައްކަތް ކުރީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން، ރައްޔިތުންގެ ޚިޔާލާއެކު ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މިހާރު މިއޮތް 301 މާއްދާގެ ޤާނޫނުއަސާސީ ފާސްކުރީ ކޮންމެ މާއްދާއަކަށް ވަކިވަކިން ބަހުސްކޮށް، އިޞްލާޙު ހުށަހަޅައި، ގިނަ މަރުހަލާތަކެއް ކަނޑަތުކުރުމަށްފަހު ކަމަށެވެ. އޭރުގެ ޚާއްޞަ މަޖިލީހުގައި ސަރުކާރުން އައްޔަންކުރާ މެންބަރުންނާއި ވަޒީރުން ތިއްބެވި ނަމަވެސް، އެ ބޭފުޅުންވެސް މިނިވަންކަމާއެކު ބަހުސްކޮށް ވޯޓު ދެއްވި ކަމަށާއި، އެ ނޫން ގޮތަކަށް އަމަލުކުރި ނަމަ މިއަދު ފެންނަން މިއޮތް ފަދަ ޤާނޫނުއަސާސީއެއް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.