ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި ކަމަށް ނިމިދިޔަ  އެމްޑީޕީ ސަރުކާރުގެ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭ މަންޒަރު މަޖިލީހުގެ ތެރެއިން ނުފެން ކަމަށެވެ. އަދި އެ ބޭފުޅުން ޤާނޫނުއަސާސީ ޚަރާބު ކުރާ މަންޒަރު ބަލަން ތިބެން ހެޔޮ ނުވާނެ ކަމަށް ޝައުވނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އަދި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ޝައުނާ ވަނީ ވިދާޅުވެފަ އެވެ. މިއަދު ރައްޔިތުންގެ މަންދޫބުން ތިބީ ތަޅު އެޅުވިފައި ކަމަށް ފާހަގަކުރައްވައި ޝައުނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. 

ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމާއި، ޕެންޝަން ބޯޑަށް ނުފޫޒު ފޯރުވުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ނުފޫޒު ފޯރުވި އިރު މަޖިލީސް އޮތީ ނިދާފައިތޯ ޝައުނާ ވަނީ ސުވާލުކުރައްވާފަ އެވެ. ޝައުނާ ވަނީ މި ސަރުކާރުން ދަނީ ބާރުތައް އެއްކޮށް ރައްޔިތުން ނިކަމެތި ކުރަމުން ކަމަށް ވެސް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންނާއި ޤާނޫނުއަސާސީގެ ހިމާޔަތުގައި ތިބެންޖެހޭ ބައެއް ކަމަށް ވާއިރު އެ މެމްބަރުން މިއަދު ހިމާޔަތް ކުރަނީ ސަރުކާރާއި އަމިއްލަ މަސްލަހަތު ކަމަށް ޝައުނާ ވިދާޅުވި އެވެ. 

މިއަދު ރައްޔިތުންނަށް ލިބިފައިވާ ބާރުތަކަކީ އެމްޑީޕީގެ ބުރަ މަސައްކަތުން ހޯދި ކަމެއް ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. އެ ބާރުތައް ހަރާބުކުރަން މިއަދު ފުރުސަތު ނުދިނުމަށް ޝައުނާ ވަނީ ގޮވާލައްވާފަ އެވެ. ރައްޔިތުން ފިއްތާ އޮބަހައްޓައިގެން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރާ ކުރުމުގައި ރައްޔިތުން ޖެހިގެން ނުވާނެ ކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފަ އެވެ.