އެމެރިކާ އިން ދިން ހަމަލާގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކެރިވަޑައިނުގެންނެވި އިރު، ޚާމަނާއީ ގެ ނަން ވިދާޅުވާން ވެސް ކެރިވަޑައިނުގެންނެވި އެވެ. 

ހޯމަ ދުވަހު ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ބޮޑަށް ނޫސްވެރިން ކަންބޮޑުވުން ފާޅު ކޮށް ސުވާލު ކޮށްފައިވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެންނެވެ. އެގޮތުން މިކަމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން ހިތާމައިގެ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައި ނުވާއިރު އެއްވެސް އެއްޗެއް ވެސް ރަސްމީކޮށް ވިދާޅުވެފައި ނުވާތީ ނޫސްވެރިން ވަނީ ރައީސް އާ ސުވާލު ކޮށްފަ އެވެ. 

އޭގެ އިތުރުން އެ ހަނގުރާމަ އާ ގުޅިގެން ހަމަލާތައް ދޭން ފެށީ އީރާނުން އިސްވެ އޮވެ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހަކަދައްކަވާފައިވާތީ ވެސް ނޫސްވެރިން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެ އާ ދިވެހީންގެ ނަމުގައި ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އަރަބި އިސްލާމީ ގައުމުތަކުގެ ލިސްޓުގައި އީރާން ގެ ނަން ވެސް ވިދާޅުވެފައި ނުވާއިރު ނޫސްވެރިންގެ ބައްދަލުވުން ނިމިގެން ދިޔަ އިރު ވެސް ރައީސް މުއިއްޒަށް ޚާމަނާއީ ގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިގެންފައެއް ނުވެ އެވެ. 

މީގެ އިތުރުން ޚާމަނާއީ އަވަހާރަ ކޮށްލުމަކީ އިސްލާމީ އުއްމަތަށް ލިބިގެންދިއަ ހިތާމައެއް ކަން ގަބޫލުކުރައްވާތޯ ސުވާލު ކުރުމުން ރައީސް ވަނީ އެ ސުވާލަށް ޖަވާބު ނުދެއްވާ، އޮލުވާލައްވަން މަސައްކަތް ކުރައްވާފަ އެވެ. ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ މި ހަނގުރާމައަކީ ވަރަށް ބޮޑު ހިތާމަ އެއް ކަމަށެވެ. 

ވަރަށް ބޮޑު ހިތާމައެއް މި ހަނގުރާމަ އަކީ. އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ހަނގުރާމަ އެއް ނޫން މިއީ. އިޒްރޭލުން އެމެރިކާ އިން ހަމަ ބޭނުންވީމަ ހަމަލާދެނީ ގައުމުތަކަށް. އެއީ ވެސް އޮންނަން ޖެހޭނެ އޯޑަރ އެއް ނޫން. އިންޓަރނޭޝަނަލް ލޯ ފޮލޯ ކުރަން ޖެހޭނެ ހުރިހާ ގައުމަކުން ވެސް. އެއީ ހަމަ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން. ވަރަށް ބޮޑު ގޯސް ކަމެއް. އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން،
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް އެހެން ވިދާޅުވުމުން ނޫސްވެރިޔާ ވަނީ އަލުން އެ ސުވާލު ތަކުރާރު ކުރައްވާ، ސުވާލަކީ ޚާމަނާއީ އަވަހާރަ ކޮށްލުމަކީ އިސްލާމީ އުއްމަތަށް ލިބުނު ހިތާމައެއް ކަމަށް ރައީސް ގަބޫލު ކުރައްވާތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ވެސް ޖަވާބުދެއްވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ ކޮންމެ މުސްލިމަކު މަރުވުމަކީ ވެސް ހިތާމައެއް ކަމަށެވެ. 

މި ހަނގުރާމައިގަ ހަމަ މަރުވާ ކޮންމެ މުސްލިމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތާމައެއް. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

އެ ބައްދަލުވުމުގައި އިސްވެ އީރާނަށް ހަމަލާ ދިން އެމެރިކާ އަދި އިޒްރޭލުގެ އަމަލުތައް އެމަނިކުފާނު ކުށްވެރި ކުރެއްވީ ވެސް ނޫސްވެރިން އެކަމާ މެދު ސުވާލު ކޮށް، ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އޭގެ ކުރިން ރައީސް މުއިއްޒު މުޅިން ވެސް ވިދާޅުވަމުން ދިޔައީ އީރާނުން އެހެން ގައުމުތަކަށް ހަމަލާ ދެމުންދާ ކަމަށާ އޭގެ ސަބަބުން އެތައް ބަޔަކު މަރުވެ، ގިނަ ގައުމުތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.

ރައީސް އަށް ޚާމަނާއީ ގެ ނަން ވިދާޅުވާން ކެރިވަޑައިނުގެންނެވި އިރު އިސްލާމީ ގައުމުތައް ނޫން ގައުމުތަކުން ވެސް އީރާނުގެ ލީޑަރު އަވަހާރަވި ހާދިސާ ކުށްވެރިކޮށް އަދި އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފައިވާ ކަން ފާހަގަ ކޮށް މުއިއްޒުގެ މި ސަރުކާރުން އެކަން ނުކުރާތީ ގިނަ ބަޔަކު ދަނީ މުއިއްޒާ އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.