ދިވެހިރާއްޖޭގައި އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް ކަމަށާއި، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭ ވަރަށް ފައިސާ އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، 8 އޭޕްރީލް 2026 ގައި ދައްކަން ޖެހޭ ބޭރުގެ ލޯނު ދެއްކޭ ވަރަށް ފައިސާ އެބަހުރި ކަމަށާއި، ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާ ކޮށްފައި އެބަހުރި ކަމަށެވެ. އަދި އޭގެތެރެއިން 320 މިލިއަން ޑޮލަރު ހުރީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް މައްޗަށް ނުދާ މިންވަރަށް ގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ،  1.27 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. 

މިއަދު މިހާރު ޕޭ ކުރަން ޖެހުނަސް ޕޭ ކުރެވޭ ވަރަށް ފައިސާ އެބަހުރި. 500 މިލިއަން ޑޮލަރުގެ ސްކޫކު 8 އޭޕްރީލް 2026 ގައި ސަރުކާރުން ދައްކަން ވާނީ ނިންމާފައި. އެއީ ދައްކަން ޖެހޭ ދުވަސް 8 އޭޕްރީލް 2026 ގައި. ދެއްކުމަށްޓަކައި މިހާރު އަޅުގަނޑުމެންގެ އަތުގައި ރައްކާ ކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ. 500 މިލިއަން ޑޮލަރުގެ ސްކޫކު ދައްކާފައި ބާކީ ވެސް އެހެންވީމަ 150 މިލިއަނަށް ވުރެ ގިނައިން ހުންނާނެ. މި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ފައިސާގެ ތެރެއިން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 320 މިލިއަން ޑޮލަރަށްވުރެ ގިނައިން މިހާރު ވެސް އެބަހުރި ރޭގެ ނިޔަލަށް. ރޭގެ ނިޔަލަށް 320 މިލިއަން ޑޮލަރަށް ވުރެ ގިނައިން ރައްކާ ކޮށްފިން. އަދި ޔޫސަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ އެބަހުރި. އެހެންވީމަ ޖުމްލަ 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މިހާރު ވެސް އެބަހުރި އަޅުގަނޑުމެންގެ އަތުގައި ރައްކާ ކޮށްފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގައި މިވަރަށް ފައިސާ ހުރުމުން މެދުއިރުމަތީ ހިނގަމުންދާ ކަންކަމާ ގުޅިގެން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށާއި، މެނޭޖް ކުރުމަށް ލުއިއަކަށްވާ ކަމަށެވެ. އަދި އިތުރަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތްތައް ވެސް ކާމިޔާބު ކަމަށާއި، ކާމިޔާބު މުއާމަލާތްތަކެއް ކުރެވޭ ކަމަށެވެ. 

ރާއްޖޭގައި އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް ކަމަށާއި، ކުރިއަރަމުން އަންނަ އިގްތިސާދެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ މިހާރު ކޮންމެ ހަފްތާއަކު ކޮންމެވެސް މިންވަރެއް ދޭ ކަމަށާއި، އެގޮތުން މިހަފްތާގައި ވެސް 200 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށެވެ. އަދި ބޭރުގެ ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިއަހަރުގެ ތެރޭގައި މިދިޔަ މަހުގެ ނިޔަލަށް 116 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ތަކެތީގެ އަގުބޮޑުވެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އަދި ވަގުތުން ސްކޫކު ދެއްކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެސްޑީއެފް އާއި ރިޒާވުގައި ހުރި ފައިސާ ބޭނުންކުރުމަކީ ސަރުކާރުގެ ޕްލޭނެއް ނޫނެވެ. ސަރުކާރުން މަސައްކަތް ކުރީ 500 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އެސްޑީއެފްއިން ދެއްކުމަށް ފަހު ބާކީ 350 މިލިއަން ޑޮލަރު ރީފައިންނޭންސް ކުރުމަށެވެ. ސުކޫކުން ރީފައިނޭންސް ކުރާ ބަޔަށް ފައިސާ ހޯދަން ސަރުކާރުން ލޯނެއް ނަގަން މަސައްކަތް ކުރި ނަމަވެސް އެކަން ފަހުން ވަނީ ދޮގު ކޮށްފަ އެވެ.