މެދުއިރުމަތީގައި
ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް
ނެތްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ
ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަށް
އަލިއަޅުވާލައްވާފައެވެ. އަދި ވިދާޅުވީ، އެކަމަށް ޚާއްސަކޮށް އެކުލަވާލާފައިވާ
ކޮމިޓީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރައީސް
މުއިއްޒު ވިދާޅުވީ، ދަތުރުފަތުރަށް ދިމާވަމުންދާ ގޮންޖެހުންތަކަށް ވެސް ޙައްލު
ހޯދުމަށް ސަރުކާރުން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ޓޫރިޒަމް ދާއިރާއިން ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ތައްޔާރީތައް
ވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ
އިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ ދަތިކަމެއްވެސް
ނާންނާނެކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު
ފާހަގަ ކުރެއްވިއެވެ.

ތެލަށް އެއްވެސް ކަންބޮޑުވުމެއް ދިމަލެއް ނުވޭ، އެކަން އޮތީ ހަމަޖެހިފައި، އެއްވެސް ވަރަކަށް ތެޔޮ ނުލިބޭނެ ގޮތަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނެތް، ކާބޯތަކެތީގެ އިޝޫއެއްވެސް ނެތް،
ރައީސް ޑރ މުޙައްމަދު މުއިއްޒު

މި
ހިނގަމުންދާ ކަންކަމުގެ ތެރެއިން ރާއްޖޭގެ މަސްލަޙަތު ހިމާޔަތް ކުރުމަށް
ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާނެކަމަށްވެސް ރައީސް މުއިއްޒު ވަނީ
ވިދާޅުވެފައެވެ.

ރައީސް
ޑރ މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ
ދުވަސްތަކަކަށްފަހު ބޭއްވެވި މި ބައްދަލުވުމުގައި އިތުރަށް ވިދާޅުވީ، ކޮންމެ ހޯމަ ދުވަހެއްގެ
ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށެވެ.
އަދި ދަތުރެއް ނުވަތަ ހާއްސަ ބައްދަލުވުމެއް ކުރިމަތިނުވާހާ ހިނދަކު އެކަން އެގޮތަށް
ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.