އާދިއްތަ ދުވަހުގެ ރޭ ދަންވަރު މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގީ އާދިއްތު ދުވަހުގެ ރޭ ދަންވަރު 03:06 ހާއިރު މއ.ރިމްލާސްގަ އެވެ.
އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން، ރޯވި އަލިފާން 04:12 ހާއިރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން ހޯމަ ދުވަހު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ރިމްލާސް ގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެއޮތޯރިޓީން ބުންޏެވެ.
މި ހާދިސާގައި އެ ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެ އެވެ.