ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހިމެނޭހެން 7 މީހަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފި އެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި
ބުނީ، މި މައްސަލައަކީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް
މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރުކުރުމަށާއި،
އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދަޢުރު އަދާކުރުމަށް
ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް
ކަމަށެވެ. އަދި މި މައްސަލައިގައި 7 މީހަކަށް ދައުވާ އުފުލާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން:
1. ޢަބްދުއްސަލާމް
2. މުޙައްމަދު ޙަމާއިދު ޢަބްދުލްޣަނީ
3. ޢަލީ ނައުފަލް
4. މަޢުރޫފް ޛާކިރު
5. ޢާއިޝަތު ނަޖުދާ ޢަލީ
6. ޢަލީ މުޢައްވަޒް
7. ފާޠިމަތު ޒަހިއްޔާ
8. ޙުސައިން ރަޝީދު
އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު:
9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤާނޫނު
ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.
މި ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 26 ފެބްރުވަރީ 2026 ދުވަހު އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލާގައި
އިތުރު 7 މީހަކަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ
މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީއާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން
އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ އަނބުރާ ފޮނުވާލާފަ އެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ މުޒާހަރާއާ
ގުޅުންހުރި މައްސަލަތަކުގައި ދަޢުވާކުރުމުގައި އެ އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް
އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް
ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ،
ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުން ކަމަށެވެ.
މިކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި
އެމްޕީ މަޓޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަންނަންޖެހޭ ހަގީގަތަކީ،
އޭނާ ގެ މައްޗަށް ދަޢުވާ އުފުލުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ
އެމްޑިޕީގެ ކެމްޕޭނަށް އެޅޭނެ ހުރަހެއް ނޫން ކަމެވެ. އަދި ނަގަން އުޅޭ ފެންނަ ނުފެންނަ
ވޯޓުގައި ރައްޔިތުން އެމަނިކުފާނަށް "އާނބަސް" ނުބުނާނެކަން ވެސް ރައީސް
މުޢިއްޒު ގަބޫލުފުޅު ކުރައްވަން ޖެހޭކަމަށް މަޓޭ ވަނީ ވިދާޅުވެފަ އެވެ.
ފަހުގެ ތާރީޚެއްގައި ގިނަ ބަޔަކު ބައިވެރިވި މި
މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭގެ އިތުރުން، "ލޯންގް ރޭންޖް އެކޮއިސްޓިކް
ޑިވައިސް" (އެލް.އާރް.އޭ.ޑީ) އޭ ކިޔާ ތޫނު އަޑު ފޮނުވާ އާލާތެއް ބޭނުންކޮށްފަ
އެވެ. މުޒާހަރާ ރޫޅާލަން އެކަށީގެންނުވާ ބާރުގެ ބޭނުން ފުލުހުން ކުރުމުގެ ސަބަބުން
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒުވެފަ އެވެ.