ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓާއެކު، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމުގެ ހީލަތް ވަރަށް ބޮޑު ކަމަށާއި، މި އިސްލާހާއެކު، ހިނގަހިނގާ އޮތް ދައުރެއް މުއްދަތު ބަދަލު ކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.  މިއީ އެންމެ ނުރައްކާތެރި އިސްލާހެއްކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ދައުރު ބަދަލުކުރެވޭ ގޮތަށް ކަނޑައެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބަކީ ފެންނަ ނުފެންނަ ވޯޓަކުން ނިންމިދާނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ، މިސަރުކާރަކުން ޑިމޮކްރަސީ ހަރުދަނާ ކުރާކަށް ގާނޫނެއް ނުގެންނާނެ ކަމަށާއި، ދިވެހި ރައްޔިތުން ބާރުވެރި ކުރުވުމަށް ވެސް މިސަރުކާރުން ގާނޫނެއް ނުގެންނާނެ ކަމަށެވެ. މިހާތަނަށް މިފަދަ މަންޒަރެއް ފެނިފައިނުވާ ކަމަށާއި، މިހާރު ގާނޫނުން ރައްޔިތުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގު ވެސް ނިގުޅައިގަތުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ، ޕީއެންސީން ދިވެހި މާލިއްޔަތު އިސްރާފު ކުރަމުންދާ ކަމަށާއި، ޕީއެންސީގެ އެއްޗެއްގެ ގޮތުގައި މާލިއްޔަތު ހަދާފައިވާ ކަމަށެވެ. 

ދިވެހި މާލިއްޔަތަށްވުރެ އިސްރާފު ކުރަމުން، ޕީއެންސީގެ އެއްޗެއްގެ ގޮތުގައި ދިވެހި މާލިއްޔާ ހެދި ބަޔަކު ނުތިބޭނެ ދިވެހިރާއްޖޭގެ 2008 ވަނަ އަހަރު ގާނޫނު އަސާސީ ވުޖޫދުވި ފަހުން. ދިވެހި މާލިއްޔާ މި ބޭނުން ކުރަނީ ޕީއެންސީއަށް ހަރަދު ކުރާ ތަނެއްގެ ގޮތުގައި. ޕީއެންސީގެ މުވައްޒަފުން ރަށްރަށަށް މި ނަގަނީ. އާރްޑީސީގެ ނަމުގައި ވެސް. އަދި ވެމްކޯގެ ނަމުގައި ވެސް ޕީއެންސީގައި. ޕީއެންސީގެ ހަމައެކަނި މަސައްކަތަކީ ޕީއެންސީއަށް ވޯޓު ހޯދައިދިނުން. އެހެންވީމަ ޕީއެންސީއަށް މިއަދު މުޅި މާލިއްޔާ ހަރަދު ކުރަމުންދާ ބަޔަކު ދިވެހި ރައްޔިތުން ވޯޓުލުމުގެ ހައްގަށްޓަކައި 30 ނުވަތަ 40 މިލިއަން ރުފިޔާ އެއީ ބޮޑު އެއްޗަކަށް ވެގެން އެކަން ބަދަލު ކުރަން ހެދޭނެ ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު 

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލު ކުރުމަށް ވެސް އެމްޑީޕީން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.