މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އާދިއްތަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތު، ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. 

މިނިސްޓްރީން ބުނީ، ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް  ޚާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއް ކަމަށެވެ. މިބަދަލާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއަރލައިންތަކާއި ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ  ދަތިތައް ކުޑަ ކުރުން ކަމަށެވެ.  

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް އެހެނިހެން އެއަރލައިންތަކުގެ ދަތުރުތައް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ. މިހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގައުމެއްކަން ފާހަގަކޮށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެ ކަމަށެވެ.