ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް އިއްވާފައިވާ ނާއިންސާފު ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށް ދިނުމަށާއި، އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އާދިއްތަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 20 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ކަމަށެވެ.
އެމްޑީޕީން ބުނީ، ކޮންމެ މީހެއްގެމެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެންބަރު އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ސިޔާސީ ގޮތުން ދައުވާކޮށް، ނާއިންސާފު ހުކުމެއް ކުރިފަހުން މިހާރު 5 މަސް ވެފައިވާކަން ފާހަގަކޮށް އެމްޑީޕީން ބުނީ، އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިފަހުން ވެސް 3 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން އަދާހަމައަށް ވެސް އެންމެ އަޑުއެހުމެއް ވެސް ބާއްވައިފައިނުވާ ކަމަށެވެ.
މިއީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކޮށް އެމްޑީޕީން ވަނީ ސައީދުގެ އިސްތިއުނާފު މައްސަލަ އަވަސްކޮށް ދިނުމަށާއި، އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގޮވާލާފަ އެވެ.
އެމްޑީޕީން މިހެން ގޮވާލާފައިވާއިރު، ސައީީދަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އާއިލާ އިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.