މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީއަކު
މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް
ގެންގޮސްފިއެވެ.
އާދިއްތަ ދުވަހުގެ މި އަޑުއެހުމަކީ މައްސަލައިގެ
ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.
މި މައްސަލައިގަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ
މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއް
ކަމުގައިވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އެގޮތުން މައްސަލައާ ގުޅިގެން އޭނާ ގެ މައްޗަށް
އުފުލީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި މަސްއޫދު ޝާހީނަށް ޙަމަލާދިނުމަށްފަހު
ވަޅި ނެއްޓުމަށް މަސައްކަތް ކުރި ތަންވެސް ފެނިފައިވާކަމަށް ބައެއް ހެކިވެރިން
ވަނީ ބުނެފައެވެ. އަދި ވަޅި ހަށިގަނޑުގެ ތެރޭގައި ހެރިފައި ހުއްޓައި އަނބުރާލަން
މަސައްކަތް ކުރިތަންވެސް ފެނިފައިވާކަމަށް ހެކިވެރިއަކު ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ޙަމަލާގެ ސަބަބުން މުޙައްމަދު ޝާހުގެ
ފުއްޕާމޭ ފިތި، ހަށިގަނޑުން ގިނަ ލޭތަކެއް ބޭރުވެފައިވާކަންވެސް ހެކިންގެ ހެކިބަހުން
އެނގެއެވެ.
މި މައްސަލައިގެ ތަހުގީގަށް ދިން ބަޔާނުގައި
މަސްއޫދު ބުނެފައިވަނީ، އެދެމީހުންގެ ތެރޭގައި ދެބަސްވުމެއް އުފެދި
މާރާމާރީއެއް ހިނގި ކަމަށެވެ. ނަމަވެސް އޭނާ ޝާހީންގެ ގަޔަށް ގަސްތުގައި ވަޅި
ޖަހާފައިނުވާކަމަށް އޭނާ ބުނެ އެވެ.
މައްސަލައިގެ ހެކިވެރިންގެ ހެކިބަހުން އެނގޭ
ގޮތުގައި މަސްއޫދު ޝާހީނަށް ޙަމަލާދީފައިވަނީ ކަންނެލި ކެނޑުމަށް ބޭނުންކުރާ ތޫނު
ވަޅިއެއް ބޭނުންކޮށްގެންނެވެ. އަދި ޙަމަލާއަށްފަހުވެސް ޝާހީނަށް އެހީތެރިވުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ މި
މައްސަލައިގައި އުފުލާފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.
ގާޒީ ވިދާޅުވީ، ނިޔާވި މީހާގެ ދެ ވާރިސަކު
އެބަ ތިބި ކަމަށާއި، ބަންގްލަދޭޝްގެ ހައިކޮމިޝަން މެދުވެރިކޮށް މިހާރު ވާރިސުން
ފޮނުވާފައިވާ ލިއުމުގައި ވަނީ އެމީހުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ. އަދި މަސްއޫދަށް
ޖަލުގެ އަދަބު ދޭން އެމީހުން ބޭނުން ނުވާކަމަށްވެސް ބުނެފައިވެއެވެ. އޭނާ ގެ ވާރިސުންނަކީ އޭނާ ގެ މަންމައާއި ބައްޕައެވެ.
މި މައްސަލައިގެ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުން
އެހެން ދުވަހެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ
ގާޒީ އިބްރާހިމް އިޙްސާންއެވެ. ގާޒީ ވިދާޅުވީ، އަދަބު ކަނޑައެޅުމުގެ މަޖިލިސް މި ހަފްތާގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.