2017 ވަނަ އަހަރުގެ
އޭޕްރީލް މަހުގެ ތެރޭގައި އައިޑީއެއް ހަދަން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމުގެ މައްސަލައާ
ގުޅޭ ދައުވާގައި ކްރިމިނަލް ކޯޓުން ނެރިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރުގެ އަޑުއެހުމެއް
އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައަކީ ދައުވާ ލިބޭ އިޢުތިސާމް މުޙައްމަދު
ސައީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ބަލަމުންދާ މައްސަލައެކެވެ.
މި އަޑުއެހުމުގައި އިއުތިސާމްގެ ފަރާތުން
އޭނާ ގެ ވަކީލު ވަނީ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ދިން ރައްދާ ގުޅޭގޮތުން
ވާހަކަ ދައްކާފައެވެ.
ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން
އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިއުތިސާމްގެ ޙައްޤުތައް ގެއްލިފައިވާ ކަމަށާއި،
ސިއްރު ހެކިންގެ ކަންކަމުގައިވެސް ދައުލަތުން އަމަލުކޮށްފައިވަނީ އޮޅުންބޮޅުންތައް
އުފެދޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެކަންކަމަށް ހައިކޯޓުން ފަރުވާއެއް
ހޯދައިދިނުމަށް އެދޭކަމަށް އޭނާ ގެ ވަކީލު ވިދާޅުވިއެވެ.
މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އިއުތިސާމުގެ
ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، މި މުޅި މައްސަލައިގައި 2017 ވަނަ އަހަރުން ފެށިގެން
މިހާތަނަށް އައިއިރު ދައުލަތުން ބޮޑެތި އިޖުރާއީ އޮޅުންބޮޅުންތަކެއް އުފައްދާފައިވާ
ކަމަށެވެ.
ހައިކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ މައްސަލާގައި
ހިމެނޭ ސިއްރު ހެކި ރައްކާ ކުރަން އަލުން ނެރުނު އަމުރާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާފައިވާ
އިސްތިއުނާފެކެވެ. އެގޮތުން ސިއްރު ހެކި ރައްކާތެރި ކުރަން މިދިޔަ އަހަރުގެ އޭޕްރީލް
މަހު އަމުރު ނެރުނީވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން
3 ވަނަ ފަހަރަށް ފެށުމަށްފަހުއެވެ. އެއީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިތާ 8 އަހަރު
ފަހުންނެވެ.
އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި
ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން މި މައްސަލަ ލަސްކުރުމުގެ އެއްވެސް ނިޔަތެއް
ނުގެންގުޅޭ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، މި
މައްސަލައިގައި ޖުމުލަ 4 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ހުށަހެޅި ކަމަށާއި،
އެ އެންމެންގެ ދައުވާވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިން
ކަމަށެވެ. އެ އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް
އުޅުމުގެ ކުށުގެ ދައުވާއެވެ.
އެހެންނަމަވެސް އޭގެ ތެރެއިން މި މައްސަލައިގެ
ދައުވާގައި މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރީ ހަމައެކަނި
އިއުތިސާމްއެވެ.
މި އަޑުއެހުމުގައި ފަނޑިޔާރުންވެސް ވަނީ ބައެއް
ސުވާލުތައް އަމާޒު ކުރައްވާފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ
ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުވާ ފޯމަށް ބަދަލު ގެނައި ނަމަވެސް
މައްސަލައިގައި ކޮށްފައިވާ ދައުވާއަށް ދައުލަތުން ބަދަލެއް ގެނެސްފައިނުވާނެ
ކަމަށެވެ. އެގޮތުން ދައުލަތުން ހަމައެކަނި ބަދަލު ގެނެސްފައިވާނީ ދައުވާކުރި
ސަބަބުގެ ބަޔަށް ކަމަށް ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، މި މައްސަލައިގެ
ދައުވާ 2018 ވަނަ އަހަރު ހުށަހެޅި ހިސާބުން 2022 ވަނަ އަހަރާ ހަމައަށް
މައްސަލައިގެ އިބްތިދާއީ ބައެއް އަޑުއެހުންތައް ކުރިއަށް ގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދެފަރާތުންވެސް ވާހަކަ
ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާތީ މައްސަލައިގެ އަޑުއެހުންތައް ވަނީ
ނިންމަވާލައްވާފައެވެ. އަދި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް
ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.