މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއްވެސް ދިވެހި ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ. 

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ދޭން ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. މި ހަމަލާ ތަކުގެ ރައްދުގައި އީރާނުން ވެސް ހަމަލާ ދީފައިވެ އެވެ. އީރާނުން ދިން ވަރުގަދަ ހަމަލާ އަމާޒުކޮށްފައި ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށެވެ. މިއާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސް ވެފަ އެވެ. 

މިކަމާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ވަރުގަދަވަމުންދާތީ، ހަނގުރާމައިގެ އަސަރު ފޯރާފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަގައި އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.

މިނިސްޓްރީ އިން ބުނީ އެ ސަރަހައްދުގެ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ކިޔަވައިދޭ މަރުކަޒުތަކާ އެކު، މެދުނުކެނޑި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދަރިވަރުންގެ ހާލަތު ބަލައި، އެކުދިންނަށް ބޭނުންވާ އެހީިތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފަ ވެއެވެ. 

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީ އިން އެންމެ ސަމާލުކަންދޭ އެއް ކަންތައް ކަން ފާހަގަކޮށް ހަޔަރ އެޑިއުކޭޝަނުން ބުނީ މި ދަތި އުނދަގޫ ވަގުތުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތަކާ ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ވަޒީރުންގެ ޚާއްސަ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލާފަ އެވެ.  އަދި މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ވަނީ މެދުއިރުމަތީގައި ފަށާފައިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހީން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެގައުމެއްގެ ސަރުކާރުން ސަލާމަތާއި، ރައްކާތެރިކަމަށް ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.