މެދުއިރުމަތީގައި ފަށާފައިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ. 

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ،  ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހީން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މިނިސްޓްރީގެ އިތުރުން މެދުއިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުން ދާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހައި ދިވެހީން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ވެސް އެދިފައި ވެ އެވެ.

ފޮރިން މިނިސްޓްރީން ވަނީ މި ސަރަޙައްދުގައިވާ އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ހިއްސާ ކޮށްފަ އެވެ. އެއީ: 

ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+

ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)

އީމެއިލް: consular@foreign.gov.mv

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ވަނީ ހޮނިހިރު ދުވަހު ދޭން ފަށާފަ އެވެ. މި ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް ހަމަލާ ދީފައިވެ އެވެ. އީރާން އިން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ.