މި ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ޣަފޫރު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ބާއްވަމުންދާ ސިލްސިލާ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނީއްސުރެ ދޮގުހެދުމާއި މަކަރު ހެދުމުގެ އަމަލުތައް ފެންނަމުންދާ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ސަރުކާރުން ވައުދުވީ ގޮތަށް އެއްވެސް ކަމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގައި ޖަހާފައިވާ މަޝްރޫޢުތައް ކުރިއަށް ނުގެންދިޔަ ނަމަވެސް މުޅި އަހަރަށް ކަނޑައަޅާ ބަޖެޓު ހުސްވާ ކަަމަށާއި އެއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ބެލިނަމަ ވެސް ފެންނަނީ ކަންކަން ނުހިނގާ ހުއްޓިފައި ހުރި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާ ކައި ހުސް ކުރާ އިރު އަޅުގަނޑުމެން ހަމަ ތިބެންވީތޯ އެއީ ކޮށްލަން ޖެހޭ ސުވާލެއް." ޣަފޫރު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ މާލޭގައި މިހާރު ޕީއެންސީ އިން ގިނަ ބެނާތަކެއް ދަމާފައިވާ އިރު އޭގައި ހުރީ ހުސް ދޮގު ކަމަށެވެ. ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ރައްޔިތުން ކައިރީގައި ދެއްކުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ސަރުކާރުން ދަނީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލަމުން ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ފުރުސަތު ދީފި ނަމަ ރާއްޖޭގެ ކަންކަން އިތުރަށް ގޯހުން ގޯހަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.