ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރަމުންދާ ކެމްޕޭނުން ރައްޔިތުންގެ ފަރާތުން ފެންނަމުންދަނީ މިސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ކެތްމަދުވެފަ ތިބިތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެންބަރު ދީދީ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ރައްޔިތުންގެ ހުރި ޝުޢޫރުތައް ހުރި ގޮތަކީ ރައްޔިތުން ދެ އަހަރު މިވެރިކަމަށް ފުރުސަތު ދިނީމަވެސް އެއްވެސް ކަމެއް ރައްޔިތުންނަށް ނުކޮށް ބޮޑެތި ދޮގުތައް ހަދަމުންދާތީ، ބޮޑުކޮށް މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ނޯއޭ ބުނެ އިޞްލާހީ ފިކުރުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ގޮނޑިތައް ދިނުން ކަމަށެވެ. 

ދީދީ ވިދާޅުވީ މި އިންތިހާބާއި ގުޅިގެން ފެންނަ ނުފެންނަ ވޯޓެއްވެސް ނަގާ ކަމަށާއި، އެކަމުގައިވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށެވެ. ދީދީ ވިދާޅުވީ އެއްވެސް ރައްޔިތަކު ފަސް އަހަރުން ފަންސާސް މިލިއަން ހަރަދުވާތީ ކަންބޮޑުވެގެން ނޫޅޭ ކަމަށާއި ރައްޔިތުން ކަންބޮޑުވެގެން އުޅެނީ ފާޑެއްގެ އެޓޯލްސް މިނިސްޓްރީއަކަށް ފަސް އަހަރުން 635 މިލިއަން ރުފިޔާ ހަރަދުވާތީ ކަމަށެވެ. 

 މިވޯޓާ ގުޅިގެންވެސް ރައްޔިތުން ވަރަށް ގިނަ ސުވާލު އެބަކުރޭ ހަމަ މިބޭފުޅުން ހަޤީޤަތަކަށްވެސް ބޭނުން ނުވަނީތޯ އެރައްޔިތުން ގާތަށް އަންނަން. ކީއްވެގެން ކުރާ ކަމެއްތޯ؟ އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއް ނޫނޭ.
މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ

މީގެ އިތުރުން ދީދީ ވިދާޅުވީ، ރައްޔިތުންގެ މަންދޫބުން އެރައްޔިތުނާ ބައްދަލުކުރުމަށް ލިބޭ ހަމައެކަނި ފުރުސަތު ގެއްލެން ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި މި ރިފަރެންޑަމުގައި ރައްޔިތުން ބުނާނީ ރައީސް މުއިޒަށް ނޫނެކޭ ކަމަށް ދީދީ ވިދާޅުވި އެވެ.

ރައްޔިތުންނާ ބައްދަލުވެ ވާހަކަދައްކާލީމާ އެނގި ހާމަވަނީ މިސަރުކާރު ފެއިލް ވެފައިވާތަން ކަމަށާއި، އެ ރައްޔިތުން އެދެނީ  ކުރިއަށް އޮތްތާގައިވެސް ރައްޔިތުންގެ މަންދޫބުން ރައްޔިތުން ކައިރިއަށް އައުން ކަމަށް ދީދީ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ދީދީ ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުން ފެންނަ ނުފެންނަ ވޯޓުގައިވެސް ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނާނެ ކަމަށެވެ.