ވެމްކޯގެ މުވައްޒަފަކު މަރުވުމާއި އެހެން މުވައްޒަފަކަށް ސީރިއަސް އަނިޔާތަނެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތީ، އެތަނުގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

އެ ކޮމިޝަނުން މި މައްސަލަ ބަލަން ފަށާފައިވަނީ ވެމްކޯގެ މަސައްކަތު މާހައުލުގައި ހުރި ނުރައްކާތަކާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެންނެވެ. 

އެޗްއާރްސީއެމް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވެމްކޯގައި ކުނި އުކާލުމާއި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މިފަދަ ހާދިސާތައް ހިނގަމުންދާތީ، އެ ކުންފުނީގައި މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އެކަށީގެންވާ ކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

މި ތަހުގީގުގެ ތެރެއިން، "މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން މުވައްޒަފުންނަށް ލިބިދޭންޖެހޭ ހިމާޔަތް ކަށަވަރު ކޮށްދީފައިވޭތޯ އެޗްއާރްސީއެމް އިން ބަލާނެ އެވެ. މީގެ އިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފޯރުކޮށްދިނުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަމަލީގޮތުން ތަންފީޒުކުރާ މިންވަރުގެ އިތުރުން، ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ތަމްރީނުތައް މުވައްޒަފުންނަށް ދީފައިވޭތޯވެސް އެ ކޮމިޝަނުން ތަހުގީގު ކުރާނެ އެވެ.

މި ތަހުގީގަށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ. އެގޮތުން ފުރުސަތު ހުޅުވާލާފައިވަނީ؛

  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުން

  • ޔޫނިއަންތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތައް
  • ގުޅުންހުރި ސްޓޭކް ހޯލްޑަރުން
  • މި ތަހުގީގާ ގުޅުންހުރި މައުލޫމާތު ލިބިފައިވާ އާންމު ފަރުދުން

އެޗްއާރުސީއެމްއިން ބުނީ ތަހުގީގާއި ގުޅޭ މައުލޫމާތު އީމެއިލް inquiry@hrcm.org.mv ނުވަތަ 3003121 ފޯނަށް ގުޅައިގެން ހުށަހެޅޭނެ އެވެ. މީގެ އިތުރުން ކޮމިޝަނަށް ހާޒިރުވެގެން ވެސް މައުލޫމާތު ދެވޭނެ އެވެ. 

އެޗްއާރްސީއެމް އިން އިތުރަށް ބުނި ގޮތުގައި، މުވައްޒަފުންނަށް އެއްވެސް ބިރުވެރިކަމެއް ނުވަތަ ބަދަލުހިފުމުގެ އަމަލެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް ނެތި، މަސައްކަތުގެ މާހައުލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އޮތްތޯ ވެސް މި ތަހުގީގުގެ ތެރެއިން ބަލާނެ އެވެ. އެހެންކަމުން، މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވެމްކޯގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެޗްއާރްސީއެމް އިން ވަނީ ދީފަ އެވެ. 

މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އެތަނުގެ ދިވެހި މުވައްޒަފަކު ރޭމްޕްމަތިން ވެއްޓި އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން މިދިޔަ މަހު ތިލަފުށީ ސައިޓުގައި ބަންގްލަދޭޝްގެ މުވައްޒަފެއް ވަނީ އިހުމާލުގެ ސަބަބުން މަރުވެފަ އެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނީ ފެބްރުއަރީ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ ފެބްރުއަރީ 23 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ތަހުގީގު ކުރަނީ ސިދާ ކޮން ކަމެއް ކަން ފުލުހުން ހާމަ ނުކުރެ އެވެ.

ވެމްކޯގެ މުވައްޒަފުންނަށް ފުރާނަ އަށް ނުރައްކާވާފަދަ ޖިސްމާނީ އަނިޔާ ލިބެމުންދާއިރު، މުވައްޒަފުންނަށް ކުންފުނިން ލިބެންވާ ޕެންޝަން ފަދަ އިނާޔާތްތައް ހަމައަށް ނުލިބުމުގެ ޝަކުވާތައް ވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި ވަނީ ފެންމަތިވެފަ އެވެ.