ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގަތީ ގައުމީ ވިސްނުމުގައި ކަމަށާއި، ރައްޔިތުން ހަވާލުކުރި އަމާނާތް ތެދުވެރިކަމާއެކު އަދާ ކުރުމުގެ މަގުސަދުގައި ކަމަށެވެ. 

އެގޮތުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ކަންކަން ބަލައި، އެކަންކަން ކޮށްދެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެއްވެސް ރަކަށް ދިއުމަށް ގަސްތު ނުކުރައްވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ ކުރީގައި ކަންކަން ހިނގި ގޮތް ނޫން ކަމަށާއި، އިންތިޚާބުތަކާ ދިމާކޮށް ދަތުރުތައް ހަދައިގެން ދަތުރު ކުރާ ކަމަށެވެ. 

ހުރިހާ ރައްޔިތުންގެ ގާތަަށް އަޅުގަނޑު ދާން ބޭނުންވީ އެއަށްވުރެ ވެސް އަވަހަށް. މިދިޔަ އަހަރު ފަހުކޮޅަށް ދަނިކޮށް ނިންމާލެވުނީ. އެކި ކަހަލަ ޒިންމާ ތަކުގައި އަޅުގަނޑު ވައުދުވީ ވަރުން. ހަގީގަތުގައި އަޅުގަނޑު ބޭނުންވީ މިދިޔަ އަހަރުގެ ކުރީކޮޅު ހުރިހާ ދަތުރުތަކެއް ނިންމަން. އިންތިޚާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށް. އަޅުގަނޑު ގަސްތެއް ނުކުރަން. އެހެނެއް ނޫން ސަރުކާރުން ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިންމި، އެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިއްޔާ އެރަށަކަށް އަޅުގަނޑު ނުދާނެ ވާހަކަ އެއްނޫން. އެހެނެއް ނޫން. ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު އެއްވެސް ރަށަކަށް ދާކަށް ގަސްތެއް ނުކުރަން. މިއީ ކުރީގައި ރާއްޖޭގައި ކަންކަން ހިނގި ގޮތެއް ނޫން.
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަނީ ވަޑައިގެންފަ އެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. 

މަޖިލިސް އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ވެސް ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވީ ސަރުކާރުގެ ބޮޑު ވަފުދަކާ އެވެ. އިންތިޚާބުގެ ކެމްޕޭން އަށް ބައެއް ރަށްރަށަށް ތަކުރާރުކޮށް ޒިޔާރަތް ކުރައްވާފައިވެ އެވެ.

ރަށްރަށަށް ކެމްޕޭނަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ މުލީއާގޭގައި ވެސް ގެންދަވަނީ ސީދާ ކެމްޕޭނާ ގުޅޭ ހަރަކާތްތައް މުއިއްޒު ހިންގަވަމުންނެވެ. އަދި ކެމްޕޭން ކުރުމަށް އަތޮޅުތަކަށް މިނިސްޓަރުންނާއި އެމްޑީން އިންނާއި މަޖިލިސް މެމްބަރުން ގެންދަނީ ދަތުރުތައް ކުރަމުންނެވެ.

ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށްފަހު، މިގޮތަށް ދަތުރު ކުރައްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ. އަދި މިއީ ދައުލަތުގެ ފައިސާ އިސްރާފު ކުރުން ކަމަށް ގިނަ ރައްޔިތުން ބުނެފައިވެ އެވެ.