ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ބިސް ބުރު ކައިރީގައި ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގެ އިންތިޒާމްތައް ކުރިއަށް ގެންދާ ގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. މީގެ ކުރިން 250 މީހުން ވޯޓުލާން ތިބި ތަންތަނުގައި ވެސް ވޯޓު ފޮށި ބަހައްޓާފައި ވީ ނަމަވެސް މިހާރު މި އިންތިޚާބުގައި އަމަލުކުރަމުން ދަނީ ތަފާތު މޭރުމަކުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ރާއްޖެ އިން ބޭރަކު ވޯޓު ފޮށްޓެއް ނުބަހައްޓަމޭ. ރިސޯޓަކު ވޯޓު ފޮށްޓެއް ނުބަހައްޓަމޭ. ވަރަށް ފަހުރުވެރިކަމާއި އެކު މި ވިދާޅުވަނީ. ތިމަންނަމެން އާއްމުންގެ ވޯޓުލުމުގެ ހައްގު ނިފުޅައިގަނެފީމޭ މި ބުނެވެނީ." އޭނާ ވިދާޅުވި އެވެ.

ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން ޤައުމީ މަޖިލީހުގެ މެމްބަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަޙުމާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އޮތީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނުފޫޒުގެ ދަށުގައި ކަމަށެވެ. ރައްޔިތުންނަށް ވާނުވާ އޮޅުވާލައިގެން އިންތިޚާބު ބާއްވަމުންދާ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

"ކައުންސިލްގެ ވޯޓު ކަރުދާހާއި އެކު ދޭ ސިއްރު މައުލޫމާތު ލިބޭކަށް ނެތް. އެކަން ސާފުކޮށް ކިޔާދީފައި ވޯޓު ދިނުން ގާނޫނު ދަންނަ ހަމަ އަކީ. ނަމަވެސް އެގޮތަކަށް ނޫން އެހުރީ އިލެކްޝަންގެ އަމަލުތައް." ޝާތިރު ވިދާޅުވި އެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމަކީ ރައްޔިތުންގެ ބާރުވެރިކަން އެއްކޮށް ގެއްލިގެން ހިގައިދާނެ ކަމެއް ކަމަށެވެ. އެ ޕިކަޕް ޖަލްސާގައި ވާހަކަދެއްކި އިތުރު ފަރާތްތަކުން ވެސް ވަނީ ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން އީސީ އިން ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.