ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ އަބްދުﷲ ވަކިކޮށްފި އެވެ.

މި ނިންމުން ނަގާފައިވަނީ ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ޕީސީބީ އިން ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުން ބުރާސްފަތި ދުވަހުން ފެށިގެން ނަޝްވާ އަބްދުﷲ ވަކި ކޮށްފައިވާ ކަމުގަ އެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބު ބޯޑުން ހާމައެއް ނުކުރެ އެވެ.

އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް ނަޝްވާ އައްޔަންކޮށްފައިވަނީ މިހާރުގެ ސަރުކާރުގައި، ނިމިދިޔަ 2025 އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އެވެ. 

ނަޝްވާ އަކީ ރާއްޖޭގެ ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އަކީ މި ދާއިރާގައި 16 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

އޭނާ ވަނީ މި  ދާއިރާގައި ސަރުކާރުގެ އެކި މިނިސްޓްރީ ތަކުގައި މުހިއްމު މަގާމުތަކެއް އަދާކުރައްވާފަ އެވެ. އޭގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ޑިރެކްޓަރެއްގެ މަގާމުވެސް ނަޝްވާ އަދާކުރައްވާފައިވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެކެވެ.