ފ. ނިލަންދޫ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.7 މިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް ކަމަށް އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ  ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.06 ވަނަ މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވަނީ، ޗެކުން ނުވަތަ އެކައުންޓް ކްރެޑިޓްކޮށް ނުވަތަ ޑެބިޓްކޮށް ދައްކާ ފައިސާ ނުވަތަ ކްރެޑިޓް ކާޑުން ދައްކާ ފައިސާ ބަލައިގަންނާނީ ރަސީދު ހަދައިގެން ކަމަށާއި، އަދި ފޮތުގައި ލިޔެ ހިސާބުތައް ގަވާއިދުން ފުރިހަމަ ކުރަންވާނެ ކަަމަށެވެ. 

އަދި ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ "ކައުންސިލްތަކުން އޮންލައިން ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު"  ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ކައުންސިލްތަކުގެ ހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ ވިއުގަ "ވިޔަ މޮޑިއުލް" ގައި އޮންލައިން ބޭންކިންގ މެދުވެރިކޮށް ކުރާ މުއާމަލާތްތައް ރިކޯޑް ކުރަންވާނެ ކަމަށެވެ. އަދި "ވިޔަ މޮޑިއުލް" ގައި ރިކޯޑް ނުކޮށް އޮންލައިން ބޭންކިންގ މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެ ކަމަށާއި، އާމްދަނީގެ ގޮތުގައި ފައިސާއެއް ލިބިއްޖެނަމަ، ލިބިފައިވާ ފައިސަގެ ތަފްސީލު ވިޔަ މޮޑިއުލްގައި ރިކޯޑް ކުރަންވާނެ ކަމަށެވެ. 

ނަމަވެސް ފ. ނިލަންދޫ ކައުންސިލް އިދާރާ އަށް 2023  ވަނަ އަހަރު ބަލައިގަނެފައިވާ ހުރިހާ ފައިސާއަށް ވިޔަ މޮޑިއުލްގެ ތެރެއިން ރަސީދު ހަދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ކައުންސިލްގެ އާމްދަނީގެގޮތުގައި ބަލައިގަންނަ ބައެއް ފައިސާ އާއި ވިޔަފާރި ހަރަކާތުން (އައްޑަނަ ފިހާރަ) އިން ލިބޭ ފައިސާ އަށް "ކުއިކް ބުކްސް" ސިސްޓަމުން ރަސީދު ހަދާފައިވީ ނަމަވެސް. "ވިޔަ މޮޑިއުލް" ގައި ރެކޯޑް ކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ. 

އޮޑިޓްގައި ބުނީ މިޔަ މޮޑިއުލްގެ ތެރެއިން ރަސީދު ހަދާފައި ނުވާ ކަމަށް ފާހަގަކުރެވިފައިވާ ކައުންސިލްގެ އާމްދަނީގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކަށް ލިބޭ ފައިސާ، ބިމު ކުލީގެ ގޮތުގައި ލިބޭ ފައިސާ، ރުއްގަނޑު ކުލީގެ ގޮތުގައި ލިބޭ ފައިސާ، އިމާރާތު ކުލީގެ ގޮތުގައި ލިބޭ ފައިސާ، ކުއްޔަށް ތަކެތި ދޫކޮސްގެން ލިބޭ ފައިސާ، ކާށި/ކުރުނބާ ވިއްކައިގެން ލިބޭ ފައިސާ އަދި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ހިމެނެ އެވެ. 

އަދި ކައުންސިލަށް ލިބޭ ފައިސާގެ ގޮތުގައި "ކުއިކް ބުކްސް" ގައި ޖުމްލަ 2،273،238 (ދެ މިލިއަން ދެލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ އަށްޑިހަ ނުވައެއް) ރުފިޔާ ހިމަނާފައިވާ އިރު، 1،24،816 (އެއް މިލިއަން ހަތްލައްކަ ސައުވިސް ހާސް އަށްސަތޭކަ ސޯޅަ ރުފިޔާ) ވިޔަ މޮޑިއުލްގައި ރިކޯޑް ކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވެ އެވެ. 

އެހެންކަމުން، ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބުނު ގިނަ އަދަދެއްގެ ފައިސާ ވިޔަ މޮޑިއުލްގެ ތެރެއިން ރަސީދު ހަދާ ރިކޯޑްކޮށްފައި ނުވުމުގެ ސަބަބުން ވިޔަ މޮޑިއުލްގެ ލިބުނު ފައިސާގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.