ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ވަހީދު ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަރާތުން ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ޖަހާފައި ހުރި ޕޯސްޓަރުތަކުގެ ކުރިމަތީގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ޖަހަމުންދާ ކަމަށެވެ.

މިއީ އިންތިޚާބުތަކުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ ދަށު ދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އާންމު އުސޫލުން ރަށްރަށާއި ސިޓީތަކުގައި ކެމްޕެއިން ކުރަނީ ކައުންސިލްތަކުގެ ހުއްދައާއެކު ތަރުތީބުވެގެން ކަމަށް ވީނަމަވެސް، ޕީއެންސީން އެއްވެސް އުސޫލެއް ނެތް ގޮތަށް އަމަލުކުރަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ނުފަރިތަ ގޮތަކަށް މަސައްކަތް ކުރައްވަނީ. އެހެންނޫންތޯ ވާނީ، ޕީއެންސީއަކީ އަސްލެއް އޮތް ޕާޓީއެއް ނޫން. އުފެދިގެން އައިސްގެން މި ދަނީ ވެސް އަސްލެއްގެ މައްޗަށް ނޫނެއްނޫންތޯ. އެ ބޭފުޅުންގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަކީ ކޮންތާކުން ވަޑައިގެންނެވި ބޭފުޅެއްތޯ ވެސް ނޭނގޭ. ދެން ކިހިނެއްތޯ އެތަނުގެ އަސްލުން އަޅުގަނޑުމެންނަށް ވަކިކުރާނީ. އެހެންވީމާ، އަސްލެއް ނެތް ޕާޓީއެއް މިއަދު އިންތިޚާބަކަށް ނުކުތީމަ، އަސްލެއް ނެތް ގޮތަށް ކެމްޕެއިން ވެސް އެ ފަރާތްތަކުން ކުރަމުން ގެންދަނީ. އަޅުގަނޑުމެންނަކަށް ނުފެނޭ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ރޭވި ތަރުތީބު ވެގެން މަސައްކަތެއް ކުރާތަނެއް.
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

މީގެ އިތުރުން، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕޯސްޓަރު ޖެހުމުގެ ޖާގަ ނުދީ ހުރަސްއަޅައި، ކައުންސިލްތަކުން ދޭންޖެހޭ ހުއްދަތައް ދިނުން ލަސްކުރަމުންދާ ކަމުގެ ތުހުމަތު ވަހީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ފެންނަނީ އަބަދުވެސް ޖެއްސުމާއި ފުރައްސާރަކޮށްގެން ކަންކަން ކުރަން އުޅޭ މަންޒަރު ކަމަށެވެ.

ވަހީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބު ހޯދުމަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އިންތިޚާބު ވަގަށް ނެގުމަށް ކަމަށެވެ. އިންތިޚާބުގެ ކުރީކޮޅު ވެސް ވާދަކުރާ ކެންޑިޑޭޓުންނަށް އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅައިގެން ނަންތައް އަނބުރާ ގެންދިއުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ރީތި ކެމްޕެއިނެއް ހިންގުމުގެ ބަދަލުގައި، ގަދަބާރުން ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ވަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.