2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ޑޮލަރުގެ އަގު ދަށްވާނެ އިރެއް އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވިދާޅެއް ނުވެވުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަށް މިނިސްޓަރު ސައީދު ހާޒިރުވެވަޑައިގެންފައި ވާއިރު ސުވާލު ކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ވަނީ ޑޮލަރެއް ގަންނަން ލިބޭ އަގު ކުޑަކުރެވޭނީ ކޮންއިރަކުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

މެންބަރު ސުވާލު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއްނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން ތާ ވެސް އަހަރކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެސް މި މައްސަލައަށް ހައްލު ނުލިބޭތީ އެކަމާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބުނުދެއްވައި މިނިސްޓަރު ވަނީ އެހެން ވާހަކައެއް ދައްކަވާފަ އެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެންދިއުމަކީ ދިވެހިރާއްޖަށް ފަހުން ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ދެން އަޅުގަނޑު ހަމަ އިއްޒަތްތެރި މެންބަރު ނާޒިލް ކުރެއްވި ސުވާލުގެ ޖަވާބުގައި ކިޔައިދިން ހަމަ ޖަވާބު ކިޔައިދޭން އިއްޒަތްތެރި މެންބަރަށް އޮންނަ އިހުތިރާމެއްގެ ބޮޑުކަމުން އަނެއްކާވެސް އަޅުގަނޑު ހަމަ ކިޔައިދޭނަން. މި އަހަރުގެ މިހާތަނަށް ބޭރު ފައިސާ ދޫކޮށްފައިވާ މިންވަރަކީ 106.2 މިލިއަން ޑޮލަރު. މިއީ އެވްރެޖްކޮށް ގާތްގަނޑަކަށް މަހަކު، އިއްޒަތްތެރި މެންބަރު އަޑުއައްސަވާތި، 35.4 މިލިއަން ޑޮލަރު. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 ޕަސެންޓުގެ އިތުރުވުމެއް. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އޭގެ އިތުރުން ސައީދު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ސިޔާސަތަށް މީގެ ކުރިން އެއްވެސް ވެރިޔަކަށް ގެންނަވަން ކެރިވަޑައިނުގެންނެވި ފަދަ ބަދަލުތަކެއް މި ސަރުކާރުން ގެނަސްފައިވާ ކަމަށެވެ. 

މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާ އެހެން ވާހަކަތަކެއް މިނިސްޓަރު ދެއްކެވުމުން މެންބަރު ވަނީ ޑޮލަރު ގަންނަން ލިބެނީ 20 ރުފިޔާ އަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބަކީ ލޯބީގެ ވާހަކަ އެއް ނޫން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ޑޮލަރު މާރުކުރާ ގްރޫޕުތަކުން ހާމަކުރާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20 ރުފިޔާ އާއި 20.05 ރުފިޔާ އާ ދެމެދު ގަ އެވެ. ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭރުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާ އަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން އަދިވެސް ވިދާޅުވަނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.

ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.