މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ، ގަލޮޅު އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި އެވެ.
ހޯމަ ދުވަހު ބޭއްވި މި ހަރަކާތުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މިހާރުގެ މީހަރު އާދަމް އާޒިމް އާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ އިތުރުން ގަލޮޅު އުތުރަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެއްވެސް ދާއިރާއަކު އަޅުގަނޑުމެންނަކަށް މި ސަރުކާރަށް ކަމުގޮސްގެން ވާހަކަދައްކާ މީހަކާ ދިމާ ނުވާ ކަމަށާއި، ހުރިހާ ކަމެއް ގޯސްކަމަށް ބުނަމުންދާ ކަމަށެވެ. އެހެންކަމުން މިހާ ގޯސް ސަރުކާރެއް އޮތުމުން، 4 އެޕްރީލުގައި ނުކުންނަވައި، އެ މީހުންނަށް އެމީހުންގެ ގޯސްކަން ރައްޔިތުން ބުނަން ނުކުތުމަށް ރައްޔިތުން ގާތު ބުނަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
ޑިމޮކްރަސީގެ ގޯސްކަން ބުނާނީ އަބަދުވެސް ވޯޓު ފޮށިން. އެހެންވީމާ، ވޯޓު ފޮށިން ނުވެއްޖެއްޔާ ދެން އަޅުގަނޑު އެހެން ގޮތެއް އިހުތިޔާރުކުރަން މި ޖެހެނީ. އެހެންވީމާ، މި ވަގުތު މި ވަނީ ތަކެތި އަގުބޮޑުވެފައި، ބޭހެއް ނުލިބޭ، ގެދޮރު ކަންތައްތައް އެ ބުނިގޮތަކަށް ނުކޮށްދިން. އަދި މި ކޮޅުގައި ހަމަ ބިންތައް ހިއްކާފައި ހުރި ތަންތަނުން ގޯތި ދެވެން އޮއްވާ އެކަން ނުކޮށް، މި ބޯހަރުކޮށްފައި ގޮސް މާދުރުގައި އޮތް ފަޅެއް ހިއްކައި ހުރިހާ ފައިސާއެއް އިސްރާފުކޮށް ނިންމައިލައިފި. އެހެންވީމާ، ރައްޔިތުންގެ އެއްވެސް ކަމަކަށް އަޅައިނުލާ ސަރުކާރެއް، ރައްޔިތުންނަށް ދިމާވެފައި ހުރި ހުރިހާ އުނދަގޫތަކަކަށް އަޅައިނުލާ ސަރުކާރެއް ބޭއްވުމުގެ ބޭނުމެއް ނެތް. ތާއީދުކުރުމުގެ ބޭނުމެއް ނެތް. ރައީސުލްޖުމްހޫރިއްޔާއަކަށް ދީފި ރައްޔިތުން. އޮޅުވާލައިން ނަމަވެސް އެކަން ކޮށްފި. އަދި ހަމަ މަޖިލިސް ވެސް. އެހެންވީމަ ކީއްކުރަންތޯއޭ އެ މީހުންނަށް ކައުންސިލް ދޭންވީ؟ އެހެންވީމަ މިހާރު ދެން މިއޮތީ ވަގުތު އައިސް، ބުނަންވީ ނޫނެކޭ. އެއްވެސް ކަމެއް ނުކުރެވުނޭ ރަނގަޅެއް ނުވިއޭ ތިމަންނާމެން ޙާލަތު ވަރަށް ބޮޑަށް ދަށްވެއްޖޭ.މޭޔަރ އާދަމް އާޒިމް
އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އާއްމުންނާއި ބައްދަލުކޮށް އާއްމުންގެ ކަންބޮޑުވުންތައް ކެނޑިޑޭޓުން ވަނީ އަޑު އައްސަވާފަ އެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް މެމްބަރުންނަށް ސާފުކޮށްދެއްވާފައިވެ އެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު މޭޔަރ އާދަމް އާޒިމް ވަނީ މާލޭގެ 16 ދާއިރާއަކަށް ޒިޔާރަތް ކުރައްވާފަ އެވެ.