ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރުވެސް، އުތުރުގެ އެންމެ ގިނަ ރައްޔިތުން ދަތުރުފަތުރު ކުރަމުންދާ ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓުގެ ވަށާ ފެންސުގެ ހާލަތު އަދިވެސް ރަނގަޅު ނުކުރެވި، ފެންސު ހުރީ ވަގުތީ ގޮތުން ދަގަނޑު ޖަހައި ހިފަހައްޓާފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ފެންސުގެ ހާލަތު އިންތިހާއަށް ދަށްވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް އައިއިރުވެސް އެކަށީގެންވާ މަރާމާތެއް ކުރެވިފައި ނުވުމުގެ ސަބަބުން، ފެންސުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.
މީގެ އިތުރުން އެ އެއަރޕޯޓުގެ ފެންސުގެ ދަގަނޑުތައް ދަބަރު ޖަހައި ބިނދިފައިވާއިރު، ކަށިނަރުތައްވެސް ހުރީ ނެއްޓި ވަކިވެފައެވެ. މިއީ އުތުރުގެ އިޤްތިސާދީ މައި ހަބުގެ އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ވާއިރު, ކޮންމެ ވަގުތެއްގައިވެސް ފެންސު އެއްކޮށް ވެއްޓި، އެއަރޕޯޓަށް ގެއްލުން ލިބިދާނެކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ އެއަރޕޯޓުގެ ސީނިއަރ މެނޭޖަރު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގެ ފަރާތުން މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މަރާމާތުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން، އެއަރޕޯޓުތައް ހިންގާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ ބަހެއް ހޯދުމަށް "ރާއްޖެ އެމްވީ" އިން ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި "ކައްތިރި" ވިއްދާފަ
މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމުގެ ކުރިންނާއި، ވެރިކަމުގެ ކުރީކޮޅުވެސް ކުޅުދުއްފުށީ އެއަރޕޯޓަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެފައެވެ. މިގޮތުން ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމަށްޓަކައި ރައީސް މުޢިއްޒު އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބިންގާ އަޅުއްވާފައެވެ.
އެހެންނަމަވެސް، މިއަދާ ހަމައަށްވެސް މިކަމަށް ދާއިމީ ހައްލެއް އަދި ލިބިފައެއް ނުވާއިރު, ޓަރމިނަލްގެ މަސައްކަތް ވެސް ބިންގާ އެޅިގޮތަށް ދޫކޮށްލާފައިވާކަމަށް ފާހަގަކޮށްލެވެއެވެ.