ށ.އަތޮޅު ކައުންސިލްއަކީ ވަރަށް ބޮޑު އެސެޓެއް ކަމަށާއި، މި ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު އެސެޓު އޮތީ ވާނުވާގައި ކަމަށް ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ސައުދުﷲ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކައުންސިލްތަކަށް ދިން ބާރުވެރި ކަމާއެކު، ށ.އަތޮޅު ކައުންސިލުން އާމްދަނީ ހޯދުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ކޮންމެ އަހަރަކު ވެސް ބޮޑު އާމްދަނީ އެއް ހޯދާ ކަމަށާއި، އެ އާމްދަނީ ހުރިހާ ރަށަކަށް ބަހާ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކައުންސިލުން ފާސްކޮށްގެން ރަށްވެހި ތަރައްގީއަށާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިދާރާތަކަށް އެހީވާ ކަމަށާއި، އަދި ބައެއް ފަހަރު އީދުގެ ހަރަކާތްތަކަށް ވެސް ހަރަދު ކުރާ ކަމަށް ސައުދު ވިދާޅުވިއެވެ.
ށ.އަތޮޅު ކައުންސިލްއަކީ ވަރަށް ބޮޑު އެސެޓެއްކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސާފު ފައިދާގެ ގޮތުގައި މިލިއަނުން ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު ށ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ވާނެ ގޮތާއި، ހަރަދުތައް ބަލަހައްޓާނެ ގޮތާއި އަދި އެސެޓްތަކަށްވާނެ ގޮތް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސައުދުﷲ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރަނީ ގާނޫނު އަސާސީ ރަނގަޅުކޮށް، ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުން ވީ ގޯސް ކަމަށާއި، އެއީ ހިންގުން ހަރުދަނާ ކުރުމަށް ގެނެސްފައިވާ އިސްލާހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލާރުމަޒީ ނިޒާމަށް ގެނައި އިސްލާހާއެކު ށ.އަތޮޅުގެ ރައްޔިތުންނަށް ލިބުނީ ގެއްލުން ކަމަށެވެ.
އެއީ ށ.އަތޮޅު ރަައްޔިތުންގެ އެސެޓް. ށ.އަތޮޅު ކައުންސިލް އިދާރާގެ އެސެޓް. އެސެޓަކީ ށ.އަތޮޅުގެ ރައްޔިތުން މިއަދު ކޮށްފައި ހުރި މަސައްކަތް އޭރުން ފެށިގެން މިއަދާ ހިސާބަށް ކުރަމުންދިޔަ މަސައްކަތް ބައިވަރު ވިޔަފާރިތައް އެބަހުރި ށ.އަތޮޅު ކައުންސިލުން ކުރާ. ކޮޓަރި ކުއްޔަށް ދޫކުރާނެ. ދެން ގޮސް ބޭސް ފިހާރަ ކުރާނެ. ދެ ލޯންޗު އޮންނާނެ. ދެން އެހެން ގޮސް މިއަދާ ހިސާބަށް އައިރުގައި ގާތްގަނޑަކަށް މިލިއަނުން މަތީގައި ށ.އަތޮޅު ކައުންސިލްގެ ކޮންމެ އަހަރެއްގެ ސާފު ފައިދާ އޮންނާނެ. އެއީ މިއަތޮޅުގެ ރައްޔިތުންގެ ފައިސާ. ނަމަވެސް މި ހުރިހާ ބާރުތަކެއް މިއައި އިސްލާހާއެކު މިދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް. މިފައިސާ ވެސް ހަރަދު ކުރާނީ ކިހިނެއް ކަމެއް ކޮން ގޮތަކަށް ކަމެއް ނޭނގޭ.ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން
މީގެ އިތުރުން ސައުދުﷲ ވަނީ ށ.އަތޮޅު ކައުންސިލު އިދާރާ އުވާނުލައި ހިންގާނެ ކަމަށް ސަރުކާރުން ބުނާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ސައުދުﷲ ވިދާޅުވީ ކައުންސިލް އިދާރާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން ބޭފުޅުން އައްޔަން ކުރެއްވި ނަމަވެސް އެބޭފުޅުންނަކީ ރައްޔިތުން އިންތިޚާބު ކުރާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން ކައުންސިލަރުން އަތޮޅު ތަރައްގީ ކުރުމަށް މަސައްކަތް ކުރި ގޮތަށް މަސައްކަތް ނުކުރާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރާނެ ކަމަށް އުންމީދު ނުކުރެވޭ އޭނާ ވިދާޅުވި އެވެ.