ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބޮޑު ބިމެއްގައި ލަގުޒަރީ ހައުސިން މަޝްރޫޢު އެއް ހިންގުމަށް، ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބަޔަކަށް ދިން މައްސަލަ ތަހުގީގު ކުރާ ކަމަށް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
މައްސަލަ އޭސީސީ އަށް ހުށަހެޅި ފަރާތައް އޭސީސީ އިން އަންގާފައި ވަނީ "ޚާއްސަ ތަހުގީގެއް ފަށައިފި" ކަމަށެވެ.
މިމަޝްރޫޢު ހިންގާނެ ބަޔަކު ހޯދުމުގެ ނަމުގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓު ހުށަހެޅުމަށް އެޗްޑީސީ އިން ދީފައިވަނީ އެންމެ 6 ދުވަހުގެ މުއްދަތެކެވެ. ހަ ދުވަހުގެ މުހުލަތުގެ ސުންގަޑި ހަމަވީ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ މެނދުރު 12:00 އަށެވެ.
މިއީ މިހާތަނަށް ދިވެހިރާއްޖެ އިން ލަގުޒަރީ ހައުސިން މަޝްރޫޢެއް ހިންގުމަށް ދޫކުރާ އެންމެ ބޮޑު ބިން ކަމަށާއި، މިވަރުގެ ބޮޑު ބިމެއް މިވަރުގެ ކުރު އެކަށީގެން ނުވާ މުއްދަތެއް ދީފައިވުމުން މިކަމުގެ ފަހަތުގައި، ދައުލަތުގެ މުދަލަށް އިހުމާލުވުމާއި އަދި ކޮރަޕްޝަން އެކުލެވިފައިވާކަން ދަލާލާތު ކޮށްދޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ. އޭގެ އިތުރުން އެންމެ 6 ދުވަހުގެ ތެރޭގައި މިވަރުގެ ބޮޑު މަޝްރޫޢެއްގެ ފަންނީ ދިރާސާތައް ހަދައި ފައިނޭންޝަލް މޮޑެލްތަކާ އެކީ ބިޑު ޑޮކިއުމެންޓު ތައްޔާރު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މިގޮތަށް އަވަސް އަރުވާލައިގެން، މިފަދަ ކަންކަމުގައި ޢަމަލުކުރާ ޢިޖުރާއަތްތަކާއި އުޞޫލުތަކާއި ޚިލާފަށް، ހުޅުމާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ވައްކަމާއި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ދޫކުރުމުން އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދައުލަތަށާއި، އަދި އެޗްޑީސީ އަށް ލިބޭނެކަން އެއީ ޔަޤީންވާ ކަމެއް ކަމަށް ވެސް މައްސަލަ ހުށަހެޅި ލިޔުމުގައިވެ އެވެ.
ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، މިހާ ކުރު މުއްދަތެއްގައި މިވަރުގެ ބިޔަ ހައުސިން ޕުރޮޖެކްޓެއް ކުއްލިޔަކަށް އިޢުލާންކޮށް 6 ދުވަހުގެ ކުރު މުއްދަތެއް ދިނުމުން، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ މަޤުސަދުގައި، ވަކިބަޔަކަށް މިމަޝްރޫޢު ޙަވާލުކޮށް މިކަމުން ނާޖާއިޒު ގޮތުގައި ފައިސާތަކެއް ހޯދަނީ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މައްސަލައިގެ ލިޔުމުގައިވެ އެވެ.
"މިކަމުން ސާފުކޮށް ފެންނާން އޮތީ ދައުލަތުގެ މުދަލަށް ފާޅުގައި އިހުމާލުވެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދާކަމެވެ. ބިލިއަން ރުފިޔާގެ ބިޔަ މިމަޝްރޫއަށް 6 ދުވަހުގެ ކުރު މުއްދަތެއް ދީގެން މިކަން ކުރުވަން އެޗްޑީސީން މިއުޅެނީ ދުރާލާ ރޭވިގެން ވަކި ބަޔަކަށް ކުރިން މިމަޝްރޫޢުގެ މަޢުލޫމާތުދީގެން މިމަޝްރޫއު އަށް ހުރިހާ ލިޔެކިޔުމެއް ދުރާލާ ތައްޔާރުކޮށްގެން ތިބި ވަކިބަޔަކަށް މިމަޝްރޫޢު ދިނުމަށް ކަމަށެވެ. ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާ އިރު މިވަރުގެ ބިޔަ ހައުސިން ޕުރޮޖެކުޓެއްގެ ޑޮކިއުމެންޓު ހުށަހެޅުމަށް 6 ދުވަހުގެ މުއްދަތަކީ އިންސާފުވެރި މުއްދަތެއް ނޫނެވެ." މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ.
އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ މި ވެރިކަމުގައި، ހުޅުމާލޭގައި ހުރި ހުސްބިންތައް އެއްވެސް އިޢުލާން ކުރުމެއްނެތި އަމިއްލަ އެކިއެކި ފަރާތްތަކަށް ވިއްކާލި ކަމުގެ ތުހުމަތުގެ އިނގިލި އެޗްޑީސީ އަށް ވަނީ ދިއްކުރެވިފައިވާ ކަމަށާއި، އެ ބިންތައް ގަނެފައިވާ ފަރާތްތަކުގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރި އާއި އުމްރާނީ ތަރައްގީ އާ ގުޅުން ހުރި މަޝްރޫއުތައް ހިންގާ ކުންފުނިތައް ހިމެނޭ ކަން މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން މި ބިންތައް ގަނެފައިވާ ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކުންފުނިތައް ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީގެ އެމްޑީ އަކަށް ފަޒުލް ރަޝީދު ހުންނެވި އިރު ވެސް އުސޫލާއި ގަވައިދުގެ ބޭރުން ރަށްޓެހިންނަށާއި ގާތްތިމާގެ މީހުނަށް ހުޅުމާލެ އިން ބިން ދޫކޮށްގެން ފުލުހުން ވެސް އެ މަސްއަލަތައް ތަހުގީގު ކުރިކަން މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން ޗައިނާގެ ކުންފުނި ތަކަކަށް ބިންތަކެއް ދިނުމަށް ރައީސް އޮފީހުން އަންގައިގެން އެބިންތައް ދިނުމުގެ މަސައްކަތް ވެސް އެޗްޑީސީ އިން ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެއްވެސް އިޢުލާނު ކުރުމެއްނެތި ވިޔަފާރީގެ ބޭނުމަށް ހުޅުމާލެ އިން ގިނަ ބިންތަކެއް އެޗްޑީސީން ދޫކޮށް ނުފޫޒު ގަދަ ފަރާތްތަކާ އެކު ގޮތް ނޭގޭ ޑީލްތައް މި ހަދަނީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ނުބައި ނިޔަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.
ދައުލަތުގެ މުދަލަށާއި ފައިސާ އަށް މި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން މިހާ ފާޅުކަން ބޮޑުކޮށް ޚިޔާނާތްތެރިވެ، އަދި މި ޚިޔާނާތްތެރިވުން ދުވަހެއް ދުވަހަކަށް އިތުރުވަމުން މިދަނީ އޭސީސީ ފަދަ މުއައްސަސާތަކަށް ޤާނޫނުން ލާޒިމު ކޮށްފައިވާ ޒިންމާ ފުރިހަމަޔަށް އަދާ ނުކުރާތީ ކަމަށް ރައްޔިތުން ދަނީ މިއަދު ބުނަމުންދާ ކަމަށާއި، ދައުލަތުގެ ބަޖެޓުން ގިނަ ޢަދަދެއްގެ ފައިސާ އޭސީސީ އަށް ލިބިދީ އަދި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަކީ ސަރުކާރުގެ ތެރޭގައި ހިންގާ މިފަދަ ކޮރަޕްޝަންތައް ހުއްޓުވުމަށް ކަމަށްވާއިރު، ސަރުކާރުގެ ތެރެއިން ހިންގަމުންދާ ބޮޑެތި ކަރަޕްޝަންތައް ބަލާ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭސީސީ އިން މަސައްކަތް ނުކުރާ ކަމަށް ވެސް މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ.