ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދާ ކަމަށް ސަރުކާރު މުއައްސަސާތަކުން ތަކުރާރު ކޮށް ބުނަމުންދާ އިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ގައުމުގެ އިގްތިސާދު ހަމަ މަގަމަށް އެޅުވިފައިވާ ކަމަށް ކަމަށާ އެމަނިކުފާނު އުޅުއްވަނީ އެހެން ދިވެހި ރާއްޖެ އެއް ގައި ތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ގެ މެންބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ގައުމުގެ އިގްތިސާދު މިހާރު ހަމަ މަގަށް އެޅުވިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ދާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ނެރޭ ތަފާސްހިސާބުތަކުން ފެންނަނީ އެހެން މަންޒަރެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
މުއައްސަސާތަކުގެ ތަފާސްހިސާބުތަކުން ގައުމުގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާ ކަމަށް ތަކުރާރު ކޮށް ބުނާ ކަމަށާ ޑޮލަރުގެ އަގު ވެސް އުފުލެމުންދާ ކަމަށް ތަފާސްހިސާބުން ދައްކާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒަށް މިކަންކަން ފަހުމު ވަނީ ކޮންގޮތަކަށް ކަމާމެދު މިހާރު ސުވާލު އުފެދޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
އެބައޮވޭ އިންފްލޭޝަން މިހާ ދަރަޖަ މައްޗަށް ހިނގައްޖެ އޭ. މިވަނި އިންސައްތައެއް މައްޗަށް ހިނގައްޖެ އޭ. ޑޮލަރުގެ އަގު އަދިވެސް ތިރިއެއް ނުވެ އޭ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ގައި ވިދާޅުވީ ދެނެއް ޑޮލަރުގެ އަގު ނާރާނެ އޭ މައްޗަކަށް. ނާރާނެ އޭ. ވަރަށް އަޑަށް ބާރުލައްވާފަ ވިދާޅުވީ. އެކަމަކު ހަމަ އެއޮއްގެން އަރަނީ. އެހެންވީމާ ނޭނގެ އެމަނިކުފާނަށް ކަންކަން ފަހުމު އެހެން ގޮތަކަށް ނުވަތަ އެމަނިކުފާނު އުޅުއްވަނީ އެހެން ދިވެހިރާއްޖެ އެއްގައި ކަމެއް.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ގެ މެންބަރު މިކާއިލް އަހުމަދު ނަސީމް
ރާއްޖެ ދަރަނިވެރިވުމުގެ ފުުރުސަތު ބޮޑު ކަމަށް ރޭޓިން އޭޖެންސީ ފިޗުން ބުނެ ޖަންކް ދަރަޖައިގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިޕޯޓު ގައި މިފަހުން ވަނީ ކަނޑައަޅާފަ އެވެ. ހު އެ އޭޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ 'ސީސީ' ކަމަށް ކަނޑައަޅާފައިވާ އިރު، ބުނެފައިވަނީ ރޭޓިންގ އިން ދައްކާ ގޮތުގައި، ބޭރުގެ ފަރާތްތަކުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ދައުލަތުގެ މާލީ ނާޒުކުކަން ބޮޑުވުމުގެ ސަބަބުން، މި ރޭޓިންގ ގެ މުއްދަތުގެ ތެރޭގައި ވެސް ރާއްޖެ ޑިފޯލްޓް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފިޗުން ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖުމްލަ ބޭރު ފައިސާގެ ރިޒާވް 887 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވީ ނަމަވެސް، ރިޒާވްގެ ކަވަރޭޖް ދަށް މިންވަރެއްގައި ހުރުމުގެ ސަބަބުން، ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ ތެރޭގައި ހިމެނޭ ސުކޫކުގެ މުއްދަތު 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެ ކަން ފާހަގަ ކުރަމުން ފިޗުން ބުނެފައި ވަނީ ސްކޫކަށް ދައްކަން ޖެހޭ އަސްލު އަދަދަކީ 500 މިލިއަން ޑޮލަރު ކަމަށް ވިޔަސް ކޫޕަން ރޭޓަކީ އަހަރަކު 9.875 އިންސައްތަ ކަމަށް ވުމާއެކު ޖުމްލަ ދައްކަން ޖެހޭ އަދަދު 525 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސުކޫކް ގެ މުއްދަތު ހަމަވާއިރު މިހާރު ދައުލަތުގެ ރިޒާވް ގައި ހުރި އަދަދަކީ މި ދަރަނި ދެއްކުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ފިޗުން ބުނެފައިވެއެވެ. އެހެން ކަމުން ދަރަނި ރީސްޓްރަކްޗަރ ކުރާ ނަމަވެސް އެކަން އަވަހަށް ކުރުމަކީ މުހިންމު ކަމެއްކަމަށް ފިޗުން ބުނެފައިވެ އެވެ.
ފިޗުން ބުނެފައިވަނީ ރާއްޖޭގެ މާލީ ހާލަތައް ބަލާއިރު ރާއްޖެ އަކީ ނިސްބަތުން ގިނަ އަދަދެއްގެ ޑޮލަރު ވަންނަ ގައުމެއް ކަމަށާއި އެހެން ކަމުން ހަގީގީ މައްސަލައަކީ ޑޮލަރު ނުލިބުމެއް ނޫން ކަމަށާއި އެއާ ޚިލާފަށް ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމާއި މާލީ ކަންކަން މެނޭޖު ކުރުމުގެ މައްސަލަ ކަމަށް ވަނީ ބުނެފަ އެވެ.
ގިނަ އަދަދެއްގެ ޑޮލަރު ދަރަނި އަދާކުރުމަށް ސަރުކާރަށް ބޭނުންވާއިރު އަދި އެފަދަ ރިޒާވް އެއް ސަރުކާރަށް އުފެއްދިފައި ނުވާއިރު ކުރިއަށް އޮތް އަރަހަކީ ޑޮލަރުގެ ތާށިކަން ބޮޑުވެދާނެ އަހަރެއް ކަމަށް ވުމީ އެކަށީގެންވާ ކަމެއް ކަން ވެސް ފިޗުން ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން އެތެރެކުރާ މުދަލުގެ އަގު ބޮޑުވުމާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ތާށިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވަނީ ބުނެފަ އެވެ.