ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ ސ. ހިތަދޫ، ކޯޒީކޯނަރ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރި ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އަލީ އަންވަރު އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 11، ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަސް ޖެހި ނަމަވެސް، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އޮކްޓޯބަރު 18، ގައި ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.
އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ އެވެ. ނަމަވެސް ހައި ކޯޓުން ހުކުމްކުރީ މި މައްސަލައިގެ އަމުރަކީ ޝަރުތުތަކާއެކު ނެރެފައިވާ އަމުރަކަށް ނުވާތީ، އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ތަރުތީބެއް އޮންނަންޖެހޭ ކަމަށް ދަށު ކޯޓުން ކަނޑައަޅައި، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރު ގޯސްކަމަށާއި އެހެންކަމުން ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ކޯޓުގައި ބުނީ އަލީ އަންވަރު ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓުގެ ތަޅުދަނޑި އޭނާ އަތުގައި ނެތުމުން އެތަނަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެތަނުން އޭނާ ގެ ޕާސްޕޯޓާއި 16 ގްރާމްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއެއް ފެނުނު ކަމަށެވެ. އަދި ހައްޔަރަު ކުރި ވަގުތު އެ ކައްޓާ އާއި ބެހޭގޮތުން ސުވާލުކުރުމުން އެ ކައްޓާ އަކީ އެކި ކަހަލަ ތަކެތި ކިރުމަށް ފަސޭހައަކަށް ގެންގުޅޭ ކައްޓާއެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަންވަރު ބަންދުން ދޫކޮށްލި މައްސަލައިގައި ގާޒީ ފާއިޒްގެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހު ވަނީ އޭނާ ގާޒީކަމުން ވަކިކޮށްފަ އެވެ. ގާޒީކަމުން ފާއިޒް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ 56 މެންބަރުންގެ ވޯޓުންނެވެ.
އަންވަރު ދޫކޮށްލަން ގާޒީ ފާއިޒް ނިންމެވި ނަމަވެސް ފުލުހުން ވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ސްރީލަންކާއަށް ފުރައިގެން ގޮސް އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ރާއްޖެ ފޮނުވާލުމުން ކަމަށް ފުލުހުން ބުންޏެވެ.