ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސްވީއިރު ވެސް، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ އެއްވެސް ކަމެއް ނުކުރެވޭ ކަމުގެ ކަންބޮޑުވުމާއި ޝަކުވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިޞަލް މިހެން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަ ކުރާ ކެންޑިޑޭޓުންނާ އެކު ދޮރުން ދޮރަށް ހިންގެވުމަށް ފަހު އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިޞަލް ވިދާޅުވެފައި ވަނީ ގިނަ ރައްޔިތުންތަކަކާ ބައްދަލުވެ، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އިވުނުއިރު، މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުގެ ޝަކުވާ ކަމަށެވެ. އަދި ރައްޔިތުން އެދެނީ ރަށަށް ކަންކަން ވާނެ މަގެއް ފަހިވުން ކަމަށާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އިން ހޯދައި، ސަރުކާރު ޖަވާބުދާރީ ކުރުވައި، ރަށަށް ތަރައްޤީ ގެންނަން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގައި ވެސް ފައިޞަލް ވިދާޅުވެފައިވެ އެވެ. 

އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ، މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އިސްމާއީލް ރަފީޤު އެވެ. މީގެ އިތުރުން އެހެން ދާއިރާ ތަކުން ކައުންސިލަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނާ އެކު ފައިޞަލް ވަނީ ފުވައްމުލައް ސިޓީގެ އެކި އަަވަށް ތަކުގައި ދޮރުން ދޮރަށް ހިންގަވައިފަ އެވެ.

ދޮރުން ދޮރަށް ހިންގެވުމަށް ފަހު ފައިޞަލް މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ރަށް ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމުގެ ކަންބޮޑުވުން އެކި ރައްޔިތުން އަންނަނީ ފާޅު ކުރަމުންނެވެ. އެގޮތުން ކުރީ ސަރުކާރުން ރަށް ރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ވެސް، މި ސަރުކާރާ އެކު މަޑު ޖެހިފައިވާ ކަމަށް ރައްޔިތުން ފާހަގަ ކުރަމުން ގެންދެ އެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރަށް ރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްތާ ކަމުގެ ކަންބޮޑުވުން، ރަށު ކައުންސިލްތަކާއި، އެ ރަށް ތަކުގެ ރައްޔިތުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބާއްވާފައިވާއިރު، މިހާރު ވަނީ އެ ޕާޓީގެ ކެމްޕެއިން ޓީމު ވެސް ކަނޑައަޅައިފަ އެވެ.