މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރު ގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ އެވެ.
ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢު ގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި ސޮއިކޮށްފައި ވަނީ 19 ޖެނުއަރީ 2026 ވީ ހޯމަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރު ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗައިނާ ސަރުކާރު ގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީ ގެ ކައުންސެލަރ ޒެންގް ޒޫ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަމަކީ ޗައިނާ ސަރުކާރު ގެ ހިލޭ އެހީގައި އެމްޑީޕީ ގެ ސަރުކާރުގައި 2023 ވަނަ އަހަރު ހަމަޖެހުނު ފަންޑަކުން ކުރާ ކަމެކެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގައި ޗައިނާ ސަރުކާރުން ރާއްޖެ އަށް 70 މިލިއަން ރުފިޔާ ގެ ތެރެއިން 58 މިލިއަން ޚާއްސަ ކުރީ ސިއްޙީ ދާއިރާ އަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކުރިން ރަށްރަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތައް ބަދަލުކޮށް، ވިލިމާލޭގައި އެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމާފަ އެވެ.
ރާއްޖެއެމްވީ އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުން 23 އޮގަސްޓް 2023 ވީ ބުދަ ދުވަހު ޗައިނާ އާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ބޭއްވި ބައްދަލުވުމެއްގައި މިކަމާއި ގުޅުން ހުރި މަޝްވަރާތައް ވަނީ ކުރެވިފަ އެވެ. ވަރޗުއަލްކޮށް ބޭއްވި އެ މީޓިންގައި ހިންގާފައިވާ މަސައްކަތްތަކުގެ ޔައުމިއްޔާ އިން އެނގޭ ގޮތުން މި ބައްދަލުވުމުގައި ރައީސް އޮފީހާއި، ހެލްތް މިނިސްޓްރީ ގެ އިތުރުން ފޮރިން މިނިސްޓްރީ ގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ޗައިނާ ސަރުކާރު ގެ އެހީގައި ޤާއިމް ކުރާ 4 ހޮސްޕިޓަލާއި ގުޅޭ ގޮތުންނެވެ.
މި ނޫހަށް ވަނީ މި މަސައްކަތުގެ އީއައިއޭ އަދި ފީސިބިލިޓީ ސްޓަޑީ އާއި މެދު ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ލިޔެކިޔުން ލިބިފަ އެވެ. އެމްޑީޕީ ސަރުކާރުން އޭރު ނިންމާފައި ވަނީ ހއ.ދިއްދޫ، ދ.ކުޑަހުވަދޫ، ގއ.ވިލިގިލީގެ އިތުރުން ރ.އަލިފުށީގައި ހޮސްޕިޓަލް ޤާއިމްކުރުމަށެވެ. އެކަން ބަދަލުކޮށްފައި ވަނީ މި ސަރުކާރުންނެވެ. މި ނޫހަށް ލިބިފައިވާ ލިޔުންތަކުން އެ ސަރަހައްދުތައް ހޮސްޕިޓަލް އެޅުމަށް ބަލާފައިވާ ކަމާއި، ޕްރޮޖެކްޓާއި ގުޅުން ހުރި ތަފްސީލީ ފީސިބިލިޓީ ސްޓަޑީ އެއް ހަދާފައިވާކަން ހާމަވެ އެވެ. އެ ލިޔެކިޔުންތަކުން އެނގޭ ގޮތުން ހޮސްޕިޓަލް އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ދެނެގަނެ، އެކަމަށް ކަނޑައަޅާނެ ސަރަހައްދުތައް ވެސް އެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ހެލްތް މިނިސްޓްރީ ގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ އިން ދައްކާ ގޮތުން މި މަސައްކަތް ފަށާތާ 24 މަސް ދުވަސްތެރޭ ނިންމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ހޮސްޕިޓަލްތަކަކީ އުމްރާނީ އަދި ވަސީލަތުގެ ގޮތުން ތަނަވަސް ޒަމާނީ ތަންތަނަށް ހެދުމަށް އޭރު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ނިންމާފައި ވެ އެވެ.
މާލެ ސަރަހައްދަށް ސިއްހީ ޚިދުމަތްތައް ޖަމާވެފައި އޮތުމަކީ މިހާރު ވެސް އާއްމުން ގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ކުރީ ސަރުކާރުން އަތޮޅު ތެރޭގައި ހޮސްޕިޓަލްތައް އެޅުމަށް ނިންމީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ރަނގަޅުކޮށް، މާލެ އަށް ސިއްހީ ފަރުވާ ހޯދަން އިރުއިރުކޮޅާ އަންނަން ޖެހޭ އައުމަށް ހައްލު ހޯދާ ދިނުމުގެ މަޤްސަދުގަ އެވެ.