މާލެ ކައިރިން ބަންޑުން ޖަހާލި "ބަލްމާ-6" މުދާ އުފުލާ ބޯޓުން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 7:27 ގަ އެވެ. 

އެމްއެންްޑީއެފުން ބުނީ، 4 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބަލްމާ ނަމަކަށް ކިޔާ ބޯޓެއް ކ.ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރު ކުރި ދޯންޏަކަށް ނަގާފައި ކަމަށެވެ. އަދި ބޯޓުން ދަތުރު ކުރި ދިވެއްސަކާއި ބިދޭސީއެއް ގެއްލިގެން ހޯދަން ފެށިއިރު، އާދިއްތަ ދުވަހު ދިވެހި މީހާގެ ހަށިގަނޑު ތާޖް އެގްޒޯޓިކާ ކައިރިން ފެނިފައިވެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ބ. ހިތާދޫ، މުނިޔާ، އަލީ ހުސައިނެވެ. އޭނާ އަކީ ތަޖުރިބާކާރު ކެޕްޓަނެކެވެ.

މި ހާދިސާއާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް އެމްއެންޑީއެފުން ބުނީ، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގެ ބޮޑު ބައެއް ބަލާފައިވާ ކަަމަށެވެ. ނަމަވެސް މިހާތަނަށް އެމީހާ ފެނިފައިނުވާ ކަމަށެވެ. 

ރާއްޖޭ ގައި ދޭތެރެދޭތެރެއިން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. ބޯޓުތައް ބަންޑުން ޖަހާލައި، މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ދެ ބޭރު މީހުން މަރުވެފައިވެ އެވެ.