ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ. 

ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނެގުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިކަމުގެ ސާފު ޖަވާބެއް ސަރުކާރުން ދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނާއި ވިޔަފާރިތަކަށް މިކަން އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސުކޫކު ދެއްކުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މި ލޯނާ ގުޅޭގޮތުން ސަރުކާރުން އެއްވެސް ޖަވާބެއް މިހާތަނަށް ދީފައިނުވެ އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެދާނެ ކަމަށެވެ. އަދި ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަން ކަމަށާއި، ސިޔާދަތަށް ނުރައްކާތެރި ހާލަތަކަށް ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

ގައުމު މިހާލަތުގައި އޮތްއިރު، މި ސަރުކާރުން ދަރަނި ނަގަނީ ސިޔާސީ އަމިއްލަ އެދުންތައް ފުއްދުމަށްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭނުމަށް އަސްކަރީ ޑްރޯންތަކެއް ގަނެފައިވާ ކަމަށާއި، ސިޔާސީ މީހުންގެ ލިސްޓު ވެސް އިތުރު ކުރަމުންދާ ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށާއި، ގިނަ ރަށްރަށުގެ އިގްތިސާދު ހުއްޓުވާފައިވާ ކަމަށެވެ. ރައްޔިތަކަށް މިއަދު އިގްތިސާދީ ގޮތުން ފައިދާއެއް ނުލިބޭ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެސްއެމްއީތައް ބަނގުރޫޓު ވަމުންދާ ކަމަށާއި، އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

މިފަދަ ސަބަބުތައް ފެންނަން ހުރުމުން ގައުމު މިދަނީ އިގުތިސާދީ ބަނގުރޫޓުވުމަކާ ދިމާއަށްތޯ ނުވަތަ ނޫންތޯ އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ބޮޑެތި އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ވެސް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ކާރިސާ މެނޭޖްކުރި ގޮތާއި، ދަރަނި މެނޭޖްކުރި ގޮތަށް ވެސް އިޝާރާތް ކުރައްވާފަ އެވެ.

ރާއްޖޭގެ އިގްތިސާދު 65 އިންސައްތައަކީ ޓޫރިޒަމް ކަމަށާއި، އެސިނާއަތް އެއްކޮށް ހުއްޓިގެން ދިޔަ ހާލަތުގައި ވެސް ރައްޔިތުންނަށް ދަތިނުވާ ގޮތަށް މެނޭޖްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަރަނި ނެގީ ކޮވިޑާ ގުޅިގެން އާމްދަނީން ގެއްލުނު 25 ބިލިއަން ރުފިޔާގެ އުނިކަން ފޫބެއްދުމަށާއި، ވަޒީފާތަކާއި ވިޔަފާރިތައް ހިފެހެއްޓުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް މިސަރުކާރުގެ އިގުތިސާދީ އިސްލާހީ ރޭވުމެއް ނެތް ކަމަށާއި، ރާއްޖޭގެ ރިޒާވް އާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އެއްކޮށް ހުސްކޮށްލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.