ވެރި އަކަަށް ހުންނަވާ ބޭފުޅަކު ގޯސްވުމުން އާއްމުން އެކަން ދައްކާނީ ވޯޓު ކަރުދާހުން ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޒީފާ ދެއްވި ނަމަވެސް އެކަން ބަދަލު ނުވާނެ ކަމަށް އެމްޑީޕީ ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޝިފާޒް އެފަދައިން ވިދާޅުވީ ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވަނީ ސަރުކާރުން ވަޒީފާ ދީގެން އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް ހީކުރާ ނަމަ އެއީ ރަނގަޅު ހީ އެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުން މިހާރު ވެސް އިތުރު ވަޒީފާތައް އުފައްދަމުން ދަނީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފެށުނީއްސުރެ ސަރުކާރުން މަސައްކަތް ކުރަނީ މި މޭރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ކަންކަމަށް ނުފޫޒު ފޯރުވުމުގެ ސިފަ ސަރުކާރުގެ ހުރިހާ ކަމަކުން ފެންނަ ކަމަށާއި މިހާރު ކުރިއަށް ދާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުން ވެސް އެކަން ހާމަވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ވެސް ހިނގަނީ އެހެން. މާ ބޮޑަށް ވަޒީފާ ދިން ވަރަކަަށް ވޯޓު ލިބޭ ކަމަށް ހީކޮށްގެން ކުރާ ކަމެެއް. އެހެންނަމަވެސް ތަޖުރިބާ. ލޯމަތީގަ ފެންނަން އޮތީ. ރިޔާސީ އިންތިޚާބުގައި ކިތަންމެ ވަޒީފާ އެއް ދިނަސް އެކަން އެ ގޮތަށް ނުވާ ކަން ފެނިފަ ވަނީ." ޝިފާޒް ވިދާޅުވި އެވެ.

ޕްރައިވެޓް ސެކްޓަރ ސަރުކާރުން އެއްކޮށް ނިކަމެތިކޮށްފައިވާ ކަމަށް ފާހަގަކޮށް ޝިފާޒް ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުން ނިކަމެތިކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އާއްމުންނަށް ލޯނު ވެސް ނުލިބޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަަމަށާއި އެކަމުން އިންތިހާ ހިފެހެއްޓުމާއި އާއްމުން ކުރިމަތިލާން ޖެހޭ ކަމަށެވެ. ސަރުކާރުން އަމަލުކުރަނީ އާއްމުންނަށް ހުރިހާ ގޮތަކުން ވެސް ދަތިވާ ގޮތަށް ކަމަށް ޝިފާޒް ވިދާޅުވި އެވެ.