ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތުގެ 80% ނިމިދިޔަ ސަރުކާރުން ނިންމާފައި ވީ ނަމަވެސް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެ މަސައްކަތް ކުރިއަށް ނުގެންގޮސް ބަހައްޓާފައިވާ ކަން ހާމަވެއްޖެ އެވެ.

2022 ވަނަ އަހަރުގެ މޭއި މަހު ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ވެލިދޫގެ 10 މަގެއް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތް ފެށީ އޭރުގެ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި ރަށުގެ އިސްވެރިން ތިބެގެންނެވެ.

ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތުގެ 80% ނިންމި ކަމަށެވެ. މިދިޔަ ޖުލައި މަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެ ރަށަށް ވަޑައިގެން  އެ މަސައްކަތް ވަރަށް އަވަސް ކުރައްވާނެ ކަަމަށާއި މަގު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސްގެ ބަސްފުޅާއި އެއްގޮތަށް އަމަލު ނުކުރެވޭކަން ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ. 

"6 މަސްވީ ރައީސް ރަށަށް ވަޑައިގަތްތާ ވެސް. ހަވާލުކުރި ޕްރޮޖެކްޓުގެ މުއްދަތު ހަމަވެއްޖެ. އެކަމާއި މެދު އެތައް ސިޓީ އެއް ފޮނުވައިފިން. އާރްޑީސީ އަށް ވެސް ސިޓީ ފޮނުވިން. މި 10 މަގުގެ މަސައްކަތް ކުރެވޭނެ ހުރިހާ މަގެއް ފަހިކޮށްދިނިން. މަގު ސަރުކާރާއި ދެން ހަވާލު ކުރާނެ ގޮތެއް ނޭނގޭ. ބިން ހަވާލު ނުކުރެވިގެން މަގު ނުގެދިން އުޅޭކަށް ނުޖެހޭނެ." ކައުންސިލް ރައީސް ވިދާޅުވި އެވެ.

ވެލިދޫ ގެ މައި މަގުތަކުގައި 4.8 ކިލޯމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 88.5 މިލިއަން ރުފިޔާގެ އަގަކަށެވެ. މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ހަރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.